Support Us

ކޮންޓެންޓް ކްރިއޭޓަރުންނަށް 5 ލައްކަ ރުފިޔާއާ ހަމައަށް ލޯނު

ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށް ފަސް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޭ ސްކީމެއް އެސްޑީއެފްސީން ތަޢާރަފުކޮށްފިއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ބުނީ ކްރިއޭޓިވް އިކޮނޮމީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ، މި ފެސިލިޓީގެ ދަށުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތައް ތަރައްޤީކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް 500,000ރ. އާ ހަމައަށް ފައިނޭންސިން ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޮންޓެންޓް ކްރިއޭޓަރ ފައިނޭންސިންގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން، އަދި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލައި 150,000ރ. އާ ހަމައަށް ފައިނޭންސިން ލިބޭއިރު، ރަހުނެއް ހުށަހަޅައިގެން 500,000ރ. އާ ހަމައަށް ފައިނޭންސިން ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

"އަހަރަކު 9.5 އިންސައްތައިގެ ފައިދާ ރޭޓެއްގައި، ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފެސިލިޓީ އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި، ހަ މަސް ދުވަހަށްވުރެ ދިގު ނޫން ގްރޭސް ޕީރިއަޑެއްވެސް ހހިމެނެއެވެ. މި ފައިނޭންސިން މެދުވެރިކޮށް އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ." އެސްޑީއެފްސީން ބުނެއެވެ.

"ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެވެ. އަދި ދިވެހި ޒުވާނުންނަކީ މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ތިބި ބައެއް. މި ފައިނޭންސިންގ ފެސިލިޓީއާއެކު، އަޅުގަނޑުމެން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކާއި، ޑިޖިޓަލް ކްރިއޭޓަރުންނަށް، ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުން. މިއީ ހަމައެކަނި ފައިނޭންސިންގ ޕްރޮޑަކްޓެއް ނޫން، މިއީ ހުނަރުވެރިކަމާއި، އައު ކްރިއޭޝަންސް އަށް ފުރުސަތު ފަހިކޮށްދީ އަދި ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް". އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.