ޗެޕްޓަރ 4– ހުޅުމާލެބުރިޖް، ހަވީރު
ސިނަމާލޭ ބްރިޖު، މޫދުގެ މަތީ ދަމާފައިވާ ދިގު ރިބަނެއްހެން މާލެއާއި ހުޅުމާލެއާ ދެމެދުގައި ދެމިގެންގޮސްފައިވާ ފާލަންމަތީގައި، ސައިކަލްތަކާއި ބަސްތަކާއި ކާރުތައް ތޮއްޖެހިފައިވާ މާލެއަށް ތަނަވަސްކަން ގެނެސް ދޭން ނާކާމިޔާބު މަސައްކަތެއް ކުރަމުން ގެންދިޔައެވެ. މިތަނުގައި ވައި ރޯޅި ހުރިހާ ދިމާލަކުން އަންނަމުން ދިޔައެވެ. ސާފު، ދިގު، އޮމާން މަގުތައް އައިސް މިހާ ހިސާބަށް ނިމިފައިވެއެވެ.
މިހާރަކަށް އައިސް ޒަޔާން މިތަނުން ފެންނަލެއް ގިނައެވެ. މިއީ ނަޝްފާ ޖޮގިން އަށް އައިސް އުޅޭ ހިސާބެވެ. މިތަނުގައި އޭނާ ވެސް ޒަޔާންއަށް އިންތިޒާރު ކުރަމުން ދިޔައެވެ. ސައިކަލުގެ ބަރުގޮނުގެ އަޑާއެކު ރިންގްރޯޑުން ސީވޯލްކައިރިއަށް ޒަޔާން މަޑުކޮށްލިތަން އޭނައަށް ފެނުނެވެ. އެއާއެކު ނަޝްފާގެ މޫނަށް އިރުއޮއްސޭ ދަޅަ އެޅިފައިވާހެން ފިޔާތޮށި ކުލަ އަރައިގެން ދިޔައެވެ.
"ކާކު މިއަދު ލަސްވީ؟" ނަޝްފާ ސަމާސާ ކުރިއެވެ.
"އަހަރެންގެ މަސައްކަތް ނިންމާނުލެވުނީ."
ނަޝްފާ ކައިރިއަށް ޖެހިލާފައި ޒަޔާންގެ ގަމީހުން ފެނުނު ކީސްކުނޑިކޮޅެއް ވިއްސައިލިއެވެ.
"އަބަދު ވަޑާންކުރަން އުޅޭވަރުން ނޫންތަ؟"
އެދެމީހުން ހިނގާފައި ގޮސް ތޮށިގަނޑުމަތީގެ އެކަހެރި ތަންކޮޅެއްގައި އިށީނދެއްޖެއެވެ. މަގުމަތީގެ ބޮކިތައް ދިއްލެން ފަށައިފިއެވެ. އުދަރެހަށް އެތައްހާސް ކުލަތަކެއް އަރަމުން ދިޔައެވެ. އެހުރިހާ ކުލަތަކެއް ނަޝްފާގެ މޫނަށް ވެސް އަރަމުން ދިޔައެވެ. އޭރު ތޮށިގަނޑަށް ބިންދާލި ރާޅެއްގެ ފޮނު ނަޝްފާގެ ގަޔަށް ބުރައިގެން ދިޔައެވެ.
ދެން ޒަޔާން ހޭންފެށިއެވެ.
"މިހާރު ދެން ތެމުނަކަސް އޯކޭ،" ނަޝްފާ ޒަޔާން ހޭން ފެށީމާ ބުންޏެވެ.
"އަހަރެން މިއައީ ޖޮގިން ނިންމާފަ. ދެން ކިތަންމެ ވަރަކަށް ތެމުނަކަސް ހެޔޮ” ނަޝްފާ މޫނުން ލޮނު ފޮހެލަމުން ބުންޏެވެ. “ދެން ގޮސް ފެންވަރާލައިގެން ވީ ނިދަން."
އެވަތު ބިންދާލި ރާޅުން ތެމިފޯވީ ޒަޔާން އެވެ.
ނަޝްފާ ބާރަށް ހީނގަތެވެ.
ޒަޔާން އޭނައާ ދިމާލަށް ނަޒަރު ހުއްޓާލިއެވެ. "ގެޔަށް ގޮސް ފެންވަރައިގެން ނިދީމާ ދިރިއުޅުމުން ހާސިލްވަނީ ކޮން އުފަލެއް؟"
ނަޝްފާ އާދައިގެ ގޮތެއްގައި ބުނެލިއެވެ. "އޮތީ އުންމީދެއް. އަމިއްލަ ގެޔެއް. ދަރީންތަކެއް. ހީނހީނފައި އެކުގައި އުޅޭނެ ފިރިއެއް."
ޒަޔާން ފުން ނޭވާއެއް ދޫކުރިއެވެ. އޭނާއަކަށް ނަޝްފާގެ އުންމީދު ފުރިހަމަކޮށް ދެވޭނެ ގޮތެއް ނެތެވެ. އެވާހަކަ ބުނެވޭނެ ގޮތެއް ވެސް ނެތެވެ.
އޭނާގެ ޚިޔާލަށް އައީ ލީމާގެ މައުސޫމު ބެލުންތަކެވެ. މަނިކުގެ ހަރުކަށި ރޭވުންތަކެވެ. އެކައިވެންޏަކަށް ގިނަ ދުވަހެއް ނެތެވެ. އޭނާއަކަށް ނަޝްފާގެ ގާތު އެވާހަކަ ބުނެވޭކަން ނެތެވެ. ނުބުނެ ދިގުދެންމޭކަށްވެސް ނެތެވެ. ނަޝްވާ އެދަނީ އޭނާގެ ލޯބީގެ ކަނޑުގައި ގެނބެމުން އަޑިއަށެވެ. އަނބުރާ މައްޗަށް އެރޭ ވަރަށް ވުރެން ފުނަށެވެ. އޭނާގެ ހާލުވެސް ސަހަލެއް ނޫނެވެ. ކޮންމެވެސް ގޮތަކުން މި ހުވަފެނުން ދެމީހުންވެސް އަވަސްގޮތަކުން ހޭލަން އެބަ ޖެހެއެވެ.
ޒަޔާންގެ މޭތެރެ ފުރިގެން ދިޔައެވެ. އޭނާގެ ނޭވާ ބެދުނެވެ.
މިއީ އެވާހަކަ ބުނަން ޖެހޭ ދަނޑިވަޅެވެ. ލަސްވެއްޖެ ނަމަ މާ ލަސްވެދާނެއެވެ.
ޒަޔާން ގަދަކަމުން ހިނިތުންވެލިއެވެ. "ތިޔަ އަޑު އިވޭ… ރީތި ހުވަފެނެއް."
ނަޝްފާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އޭނާއަށް ޒަޔާން ފަސްޖެހުނުތަން ފެނުނެވެ. މިއީ އޭނާ ހަގީގަތަކަށް ހަދަން ބޭނުން ނުވާ ހުވަފެނެއްކަން ނަޝްފާއަށް އިހްސާސްވިއެވެ.
އިތުރު އެއްޗެއް ނުބުނެ ދެމީހުންވެސް ތެމޭނެ ވަރަކަށް ތެމެން އެތޮށިގަނޑުމަތީ އެތައް އިރަކު ތިއްބެވެ.
ދާން ތެދުވުމުން ނަޝްފާ ލުއިގޮތަކަށް އޭނާގެ އަތުގައި ހިފާލިއެވެ. "ހިތުގައި ނެތް އިޙްސާސެއް ހާމަނުކުރާތި ޒަޔާން. ދޮގަށްވުރެން އެއްޗެއް ނުބުނުންވެސް މަށަށް މާ ރަނގަޅު."
ޒަޔާން ސައިކަލުގައި މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއަށް ގޮސް ގެއްލިއްޖެއެވެ. ނަޝްފާ އަދި ވަކީން އެކަނިވެރިކަމުގެ އަނދރީގެ ތެރެއަށް ގެނބިގެން ދިޔައެވެ.
ޒަޔާން ވަކި އެއްޗެއް ބުނެގެނެއް ވެސް ނޫނެވެ. އެކަމަކު އޭނާ ގެނބިގެން މިދަނީ އައްސޭރިއެއް ނުވާ ސާހިލަކަށްކަން އޭނާއަށް ކަށަވަރުވިއެވެ.
(ނުނިމޭ)



advertisment