ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން "އެކްސްޕީރިއެންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ބީ.އެމް.އެލް އިން ފަށައިފިއެވެ.
މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ.
"ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފަރތަކެއް ލިބޭނެއެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ އެވެ." ބީ.އެމް.އެލް އިން ބުނެއެވެ.
"އެކްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި 2017، 2019 އަދި 2023 ގައި ހިންގި ކެމްޕޭނުތަކުގެ ކާމިޔާބީއަށް ފަހު، މިއީ މި ކެމްޕޭން ބާއްވާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައި ވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ކެމްޕޭނުން، ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ. އަދި މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ. އަދި ހަމަ އެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވުގެންދާނެ،" އޭނާ ވިދާޅުވިއެވެ.
އެމެރިކަން އެކްސްޕްރެސްގެ ގްލޯބަލް ނެޓްވޯކް ސަރވިސަސް، އޭޝިއާ އެން ސައުތު ޕެސިފިކް ގްރޯތު މާކެޓްސް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރ ދިވްޔާ ޖެއިން ވިދާޅުވީ ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމަށާއި ބީއެމްއެލްއާއެކު ގާއިމުވެފައިވާ ޕާޓްނަރޝިޕްއާއެކު، އަދި ވިޒިޓް މޯލްޑިވްސްއާއި ޓޫރިޒަމް ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު، ރާއްޖެ އަދި ގްލޯބަލް ޓްރެވެލް އިކޯސިސްޓަމަށް ދޭ ސަޕޯޓު އިތުރަށް ހަރުދަނާކުރަމުން އަންނަ ކަމަށެވެ.



advertisment

