ފެންނަ ފެނުމަށް ހުރިހާ ކަމެއްވެސް ބަރާބަރެވެ. ފުރިހަމައެވެ. ރަނގަޅު ވަޒީފާއެކެވެ. މާލޭގެ އެންމެ އަމާން ސަރަހައްދަކުން އެޕާޓްމަންޓެކެވެ. ހުރިހާ ކަމެއް ފުދިފައިވާ ދިރިއުޅުމެކެވެ. މައްސަލައެއް އުޅޭކަން އެނގެނީ ގާތް މީހުންނަށެވެ. އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ހަޔާތެއް ފެށުމަށް ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކަށް ވެސް ނޭނގެއެވެ. މީހުން ކައިރީގައި އެކަނި ދިރިއުޅުމުގެ އުފަލާއި ހިތްހަމަޖެހުމުގެ ވާހަކަ ދެއްކިޔަސް އަމިއްލަ ނަފުސަށް އެއީ ދޮގެއްކަން އެނގެއެވެ.
އެހެންވެއްޖެއްޔާ އެކަނިވެރިކަން އިހުތިޔާރުކުރާ ސަބަބަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ އެއީ ކުޑައިރު އަހަރެންނަށް ދިމާވި ކަންކަން ހެއްޔެވެ؟ އޭގެން އަހަރެންގެ މައްސަލަ ދެނެގަނެވިދާނޭ ކަމަށް މީހުން ވިސްނަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ކުޑައިރުގެ ދުވަސްތައް ހަނދާނެއްވެސް ނެތެވެ.
މީހުން ކިޔައި އުޅެތެވެ. ކުޑައިރުގައި ހިތްދަތި ކަންކަން ދިމާވެފައި ވާނަމަ އެންމެ ރަނގަޅަށް އެ ކަންތައް އެނގޭނީ މިހާރު އަމިއްލަ ނަފުސަށް ކަންތައް ކުރާ ގޮތުންނެވެ. އަމިއްލަ ނަފުސާ މެދު ދެކެނީ ކިހިނެއް ހެއްޔެވެ؟ މިއީ ބޮޑު ސުވާލެކެވެ.
ބުނަން ބޭނުންވަނީ އަމިއްލަ ނަފުސާ މެދު ދެކެނީ އެންމެ ރަނގަޅަށް ކަމެވެ. މިއާ ދޭތެރޭ އެއްވެސް މީހަކަށް ދޮގެކޭ ބުނެވޭކަށް ނޯންނާނެއެވެ. އަހަރެން ހުންނަ ގޮތުން އަހަރެންނަކީ އަމިއްލަ ނަފުސާ މެދު ރަނގަޅަށް ދެކޭ މީހެއްކަން އެނގޭނެއެވެ.
އެކަމަކު އެއީ ދޮގެކެވެ. ބޭރަށް ކިތަންމެ ރީއްޗަށް ފެނުނަސް، އަހަރެންގެ އަމިއްލަ ނަފުސާމެދު ދެކެވެނީ ހިތްހަމަޖެހުމުގެ ނަޒަރަކުން ނޫނެވެ. އަމިއްލަ ނަފުސު ދެކެ ފޫހިވެއެވެ. ރުޅިއާދެއެވެ. އަހަރެންގެ ސިފަ އަހަރެންނަށް ރީއްޗެއް ނޫނެވެ. އެހެން މީހުން އަހަރެން ރީއްޗޭ ބުނީމައި އެކަން އެމީހުންގެ ކުރިމަތީގައި ބަލައިގަތަސް، އެ ބަސްތައް އަހަރެންގެ ސިކުނޑީގްއި ހަރެއްނުލައެވެ. އެއީ މާނައެއް ނެތް ބަސްތަކަކެވެ. ސިކުނޑީގައި އޭތި ހަރުލާނޭ ޖާގައެއް ނުވެއެވެ. ވެގެން ވަންޏާ އަހަރެން އުޅެނީ ލޯގަނޑެއްގެ ކުރިމައްޗަށް ނާރައެވެ. އެހާވެސް އަމިއްލަ ސިފަ ދެކެ ހިތްހަމަނުޖެހެއެވެ.
އެއްވެސް މީހަކު އަހަރެން ދެކެ ހިތްހަމަނުޖެހިފައި ހުރެދާނެތީ އަހަރެންނަށް އުނދަގޫވެއެވެ. އަހަރެންގެ ސިކުނޑި ބުނެދޭ ގޮތުގައި އެންމެންވެސް އަހަރެން ދެކެ އަސްލު ފޫހިވެއެވެ. އަހަރެންނަކީ ބޭކާރު މީހެކެވެ. ހަމަނުޖެހޭ ގޮތެއް ހުންނަ މީހެކެވެ. އެއްވެސް ގޮތަކަށް ކަމުދާ މީހެއް ނޫނެވެ.
އެއީ ކިހިނެތް ވެގެން އަހަރެންގެ ހިތަށް އަރާ އެއްޗެހިތަކެއް ހެއްޔެވެ؟ ކޮން ހެއްކެއް ފެނިގެން ގަބޫލުކުރެވޭ އެއްޗެހިތަކެއް ހެއްޔެވެ؟ ނޭނގެއެވެ. ފޮތްފޮތުގައި ލިޔެފައި އޮންނަނީ އެއީ ހަރުކަށި، އަޅައިލުން ކުޑަ މައިންބަފައިންގެ ސަބަބުން ލިބިފައިވާ ނަފުސާނީ ގެއްލުން ކަމުގައެވެ. އަހަރެންގެ އެއްބަނޑު އެހެން ކުދިންނަށް ލިބުނު ލޯތްބާއި އަޅައިލުން އަހަރެންނަށް ނުލިބުނީމައި ވީގޮތެއް ކަމުގައި ބައެއް ނަފުސާނީ މާހިރުން ބުނެތެވެ. ނަފުސުގައި ލެވިފައިވާ މި ފާރުގަނޑުތަކުގެ ފަހަތުގައި ނޭނގޭ އެތައް ސަބަބެއް ވާނޭ ކަމަށް ބެލެވެއެވެ.
މި، ގޮތް ނޭނގޭ ހިޔާލުތަކުގެ ސަބަބުން ލައްކަ އަނިޔާ ހަށިގަނޑަށް ދެވިއްޖެއެވެ. މި ނޭނގެ ވޭން ތަހައްމަލުކުރަން ލައްކަ ގޮތްގޮތަށް މަސައްކަތް ކުރެވިއްޖެއެވެ. ގިނައިން ކެޔުމާއި މީހުންނާ އެކަހެރި ވުމުންނެވެ. ވޭނާ ދުރަށް ދިޔުމަށް ހަށިގަނޑަށް ނުކަތާ ވަރަށް މަސައްކަތް ނެގުމުންނެވެ. ނަމަވެސް އެ ހުރިހާ ކަމެއް ބާއްވައިފައި އެންމެ ހިތްދަތިކަން ލިބެނީ ލޯބީގައި ކުރިމަތިލަމުން ގެންދާ ނާކާމިޔާބީގެ ސަބަބުންނެވެ.
ލޯބީގެ ގުޅުމެއްގައި އުޅޭތަން ނުފެންނަނީ ކީއްވެހެއްޔެވެ؟ އަހަރެންނަށް ލޯބިވެވެނީ އެކި ގޮތްގޮތުން އަނިޔާވެރި މީހުންނާއެވެ. ނަފުސާނީ ގޮތުން އަނިޔާވެރިވާ މީހުންނާއެވެ. ޖިސްމާނީ ގޮތުން ގޯނާކުރާ މީހުންނާއެވެ. ހަޔާތުގައި އެއް ގޮތެއްގައި ހުރުމަށް ނުކުޅެދޭ މީހުންނާއެވެ. އެހެން ހުރެފައި ހިތްކިޔަނީ ނުލިބޭނޭކަން ޔަގީންވާ މީހުންނާއެވެ. ކޮންމެވެސް މީހެއްގެ ބައިވެރިއެއް ފެނިގެން އެމީހާ ބޮލުގައި އަޅައިގެން އުޅެވިދާނެއެވެ. ރައްޓެހިވެގެން އުޅެން މަސައްކަތްކުރަނީ އަހަރެންނަށް ނުގުޅައި، އަހަރެންގެ މެސެޖަށް ޖަވާބުނުދޭ، އަހަރެންގެ އަގުވަޒަން ނުކުރާ މީހުންނާއެވެ. އަބަދުވެސް އެމީހުންގެ ކަންކަމާ ދޭތެރޭ ވިސްނަންޖެހޭ، އެމީހުން ކުރާ ކަންކަމުން ނުވަތަ ނުކުރާ ކަންކަމުން ތާއަބަދު ހާސްކަމުގެ ތެރޭގައި އުޅެންޖެހޭ ފަދަ މީހުންނާއެވެ. އަހަރެން ދެކެ ލޯބި ނުވާނޭ މީހުން ދެކެ ލޯބިވާކަށް އަހަރެންނަކަށް ދައްޗެއްނޫނެވެ.
ނަމަވެސް ކިރިޔާވެސް އަހަރެންނާ ހެދި އުޅޭ މީހެއް ހަޔާތަށް އައިސްފިއްޔާ އެމީހަކު ދުރަށް ކޮއްޕައިލަމެވެ. އެމީހަކަށް އަހަރެން ރީތި ވެއްޖެނަމަ، ނޫނީ އަހަރެންގެ ގައިގައި ހުންނަ ސިފައެއް ކަމުގޮސްފިނަމަ، އެއީ ތާކުންތާކުން ނުޖެހޭ މީހެއް ކަމުގައި އަހަރެންނަށް ވިސްނެއެވެ. އެމީހުންނާ އެކުގައި ކުޑަ ވަގުތުކޮޅެއް ހޭދަކުރަންވެސް ހިތެއް ނޭދެއެވެ. އެފަދަ މީހުންގެ ކިބައިގައި ހުރި މައްސަލަ ދެނެގަތުމަށް އަހަރެން ވަރަށް މޮޅެވެ. އެމީހުންގެ ވިސްނުމުގައި ކޮންމެވެސް އުނިކަމެއް ހުރެއެވެ. އެމީހުންނަކީ މުޖުތަމައުގައި މަގުބޫލު ބައެއް ނޫނެވެ. އެމީހުން ހެދުންލާ ގޮތް ކަމަކު ނުދެއެވެ. ހިނގާ ގޮތް އަމުދުން ކަމަކު ނުދެއެވެ. އެމީހުންގެ ހީލުން، ތުންފަތުގެ ބައްޓަން، ވާހަކަ ދައްކާއިރުގައި އެ ބޭނުންކުރާ ލަފުޒުތައް، އެހެން ގޮސް ހުސްނުވާހައި އައިބެވެ. ހުސް ކަމުނުދާ ކަންކަމެވެ. އަހަރެން ކުޑައިރު، އަހަރެންގެ ވަށައިގެން ތިބި މީހުންނަށް، އަހަރެންގެ ކިބައިން މައްސަލަ ފެނުނު ގޮތަށެވެ. ކަމުނުދާ މީހަކާ ގަޔާވާނީ ކަމުނުދާ މީހެއް ނޫން ހެއްޔެވެ؟
އަހަރެންނާ ގަޔާވާ މީހަކު ހަޔާތަށް އައިސްފިއްޔާ އެމީހަކު ބަހައްޓަނީ ދުރުގައެވެ. ވަރަށް ދުރުގައެވެ. އެމީހަކު މެސެޖެއް ކުރިޔަސް އަހަރެންގެ ބޮލަށް އުނދަގޫވެއެވެ. އެމީހުން ދެރަކުރަން އެމީހުންގެ ކުރިމަތީގައި އެހެން މީހުންނަށް ސަމާލުކަން ދެމެވެ. އެ މީހުންގެ އިތުބާރު މަޑުމަޑުން ފުނޑުކޮށްލަން އަހަރެންނަށް އެނގެއެވެ.
މިއީ ދާއިމަށް ދެމިގެންދާ ތަމްސީލެކެވެ. އަހަރެން ދެކެ ގަޔާނުވާ މީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރުމުގައި ވަގުތު ހޭދަކުރުމެވެ. އަހަރެންނަށް ސަމާލުކަން ދޭ މީހުންގެ ކައިރިން ރެކުމަށް އުޅުމެވެ. މި ދެމެދުގައި ވާ ހިނދުކޮޅުތަކުގައި ހިތްދަތިކަމާއި އެކަނިވެރިކަން ތަހައްމަލު ކުރުމުގައެވެ. ދެމިގެންދާ ވޭނެކެވެ.
ދުރުން މި ކަންތައް ބަލައި މީހުންނަށް ފެންނަނީ އަޖައިބުކުރުވަނިވި މަންޒަރެކެވެ. އެމީހުން ބުނެއެވެ. "ތިއީ ކީއްވެގެން ކަންތައް ކުރާ ގޮތެއް ހެއްޔެވެ؟ ތި ކުރެވޭ ކަންކަން ނޭނގެނީ ހެއްޔެވެ؟ ތިހާ ބުއްދި ރަނގަޅު، ހެޔޮ ވިސްނޭ މީހެއްގެ ކިބައިން މި ފެންނަނީ ކޮން ކަހަލަ ބޯ ހަމަނުޖެހޭ މަންޒަރެއް ހެއްޔެވެ؟"
އެނގެއެވެ. އެކަމަކު މިކަމުން ސަލާމަތްވާނީ ކިހިނެތް ހެއްޔެވެ؟ މީހުންގެ ނަސޭހަތް އަޑުއަހައިގެން މިފަހުން އަހަރެން ނަފުސާނީ ފަރުވާދޭ މީހަކާ ވާހަކަ ދައްކަން ފަށްޓައިފީމެވެ. އޭނާގެ ކައިރީގައި މި ވާހަކަތައް ކިޔައިދީފީމެވެ. އޭނާ ބުނާ ގޮތުގައި މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ.
އަހަރެންގެ ސުވާލަކީ "މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟"
އޭނާ ބުންޏެވެ. އަހަރެންނާ ގަޔާވާ މީހާ ކައިރީގައި އަހަރެންގެ ކިބައިގައި ހުރި އުނިކަން ހިއްސާކުރާށެވެ. ލޯބި ތަހައްމަލުކުރުމުގެ ގާބިލުކަން ނެތް ވާހަކަ ބުނެދޭށެވެ. އަހަރެންނަކީ ފެންނަ ފެނުމަށް ނަފުސާނީ ގޮތުން ދުޅަހެޔޮ މީހެއް ގޮތުގައި ފެނުނަސް އަހަރެންނަކީ ބަލި މީހެއްކަން ބުނެދޭށެވެ. އަހަރެންނަށް އެމީހުންގެ އޯގާތެރިކަމަށް ކެތްކުރަން އުނދަގޫ ވާހަކަ ބުނެދޭށެވެ.
އެމީހުން ކައިރީގައި އަހަރެން އާދައިގެ ދިރިއުޅުމެއް ބޭނުންވާކަން ބުނެދޭށެވެ. ނަމަވެސް މާޒީގައި ދިމާވެފައިވާ ކަންކަމުން އަހަރެންގެ ސިކުނޑިއަށް ލޯތްބާއި ކުލުނު މާނަކުރެވެނީ ބިރެއްގޮތުގައި ކަން ބުނެދޭށެވެ. އެމީހުން ކަހަލަ ރަނގަޅު މީހުން ދުރަށް ކޮއްޕާކޮއްޕާ އަހަރެން ވަރުބަލި ވެއްޖެ ވާހަކަ ބުނެދޭށެވެ. ނަމަވެސް ލޯބީގެ ސަބަބުން ހިތަށް ވެރިވާ ބިރުވެރިކަމާއި ހާސްކަން ތަހައްމަލުކުރަން އެމީހުންގެ އެހީއަށް ބޭނުންވާ ވާހަކަ ބުނެދޭށެވެ. މި ބަލިކަން ހުރީތީ ވާ އުނދަގުލަށް މާފަށް އެދޭށެވެ.
އެ ވާހަކަ ބުނެދޭ މީހާ ބިރުގަނެގެން ވަގުތުން ނުފިލައިފާނެއެވެ. އަހަރެންގެ އިއުތިރާފުގެ ފަހަތުގައިވާ އާދޭސް އަޑުއިވިގެން މަޑުކޮށްފާނެއެވެ. އެކަމުގެ ސަބަބުން އަހަރެންގެ އެތެރޭގައި ލެވިފައިވާ ފާރުގަނޑު ވަގުތުން ފަސޭހައެއް ނުވާނެއެވެ. އެކަމަކު އަހަރެންނަށް އަހަރެންގެ އަމިއްލަ ބަލި ދެނެގަނެވުނީއެވެ. އަދި އެހެން މީހެއްގެ އޯގާތެރިކަން ލިބިގެން ޝިފާ ލިބިގަތުމަށް ތަންދެވުނީއެވެ.
