Support Us

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީ.އެމް.އެލް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ތ. ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައި، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފިއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުޙައްމަދު ޝަރީފް ވިދާޅުވީ ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުމާއެކު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 15 އަތޮޅުގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުނީ ކަމަށެވެ.

"ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އޭޓީއެމްތަކަކީ ބޭންކިން ނިޒާމުގައި ރައްޔިތުން ބައިވެރިކޮށްދޭ މުހިންމު ވަސީލަތެއް. އޭޓީއެމް ގާއިމްކުރުމުގެ އިތުރުން ޑިޖިޓަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އަޅުގަނޑުމެން މި ދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރަމުން،" ޝަރީފު ވިދާޅުވިއެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީއެމްއެލް އިން ބުނެއެވެ.