Support Us

މޯލްޑިވިއަން އާއި އަޒަރުބައިޖާން އެއަރލައިންސް އިންޓަލައިން ޕާޓްނަރޝިޕަކަށް

ޤައުމީ އެއަރލައިން، މޯލްޑިވިއަން އާއި އަޒަރުބައިޖާން އެއަރލައިންސް (އޭޒަލް) އާ ދެމެދު އިންޓަލައިން ޕާޓްނަރޝިޕެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އަޒަރުބައިޖާން އެއަރލައިންސް އިން ދަތުރުކުރާ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ފުޅާ ޑޮމެސްޓިކް ނެޓްވޯކް މެދުވެރިކޮށް ރާއްޖޭގެ 17 ތަފާތު ރަށަކަށް ދަތުރުކުރެވޭނެއެވެ.

މޯލްޑިވިއަން އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޑޮމެސްޓިކް ނެޓްވޯކެވެ.

މި އެއްބަސްވުމުގެ ސަބަބުން އަޒަރުބައިޖާނުން އޭޝިޔާއިންނާއި އެހެނިހެން ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް އިތުރަށް ފަސޭހަވެ، ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

"އަޅުގަނޑުމެންގެ ނެޓްވޯކުން މި ޕާޓްނަރޝިޕަށް މަރުހަބާކިޔަން. މީގެ ސަބަބުން އަޒަރުބައިޖާނުންނާއި އެ ސަރަހައްދުގެ އެހެނިހެން ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ދިވެހިރާއްޖެ ދަތުރުކުރުމަށް ފަސޭހަވެގެންދާނެ. މިއީ އަޅުގަނޑުމެންގެ ލޯންގްޓަރމް ސްޓްރެޓެޖިކް ޕްލޭންގެ ތެރެއިން ރާއްޖެއަށް އަންނަ ދަތުރުތައް އިތުރުކޮށް، އަޅުގަނޑުމެންގެ ދަތުރުވެރިންނަށް އިތުރަށް ފަސޭހަ އަދި ހަރުދަނާ ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވިއެވެ.

"މޯލްޑިވިއަންއާއެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން އަޒަރުބައިޖާން އެއަރލައިންސްގެ ރޫޓް ނެޓްވޯކް ފުޅާވެ، ބައިނަލްއަގްވާމީ ހަރަކާތްތައް ހަރުދަނާ ވެގެން ދާނެ. އަޒަރުބައިޖާނާއި އަވަށްޓެރި ސަރަޙައްދުތަކުގެ ފަސިންޖަރުންނަށް، މި އެއްބާރުލުމުގެ ސަބަބުން ދަތުރުފަތުރުގެ ފުރުސަތުތަކެއް ހުޅުވި، ދުނިޔޭގެ އެންމެ މަގްބޫލު އެއް މަންޒިލް ކަމުގައިވާ ދިވެހިރާއްޖެއަށް ދަތުރުކުރުން އިތުރަށް ފަސޭހަވެ، ގާތްވެގެންދާނެ. މި އެއްބާރުލުމަކީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ދެ އެއަރލައިންގެ މެދުގައި އިތުރަށް ފުންނާބު އުސް އެއްބާރުލުމަކަށް މަގުފަހިކޮށްދޭނެ ވަރުގަދަ ފިޔަވަޅެއް ކަމުގައި ދެކެން،" އަޒަރުބައިޖާން އެއަރލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ޖަމީލް މަނިޒަދެ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އަޒަރުބައިޖާން އެއަރލައިންސްގެ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓްތަކަށް ފަސޭހައިން ޓިކެޓް ގަނެވޭނެއެވެ. އަދި އެއް ޓިކެޓެއްގެ ދަށުން ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވި، ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދާނެއެވެ. މި އެއްބަސްވުމަކީ ދެ އެއަރލައިންގެ ދެމެދު އިތުރު އެއްބާރުލުންތަކަށް މަގުފަހިވެގެން ދާނޭ ކަމަށް ބެލެވެއެވެ.