Support Us

އެކްސިޑެންޓް މަދުކުރަން ހުޅުމާލޭ މަގުތަކުގައި ދުވެލިމަތަ ގިނަކުރަނީ

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް އިތުރު ސްޕީޑް ބަމްޕް ނުވަތަ ދުވެލިމަތަ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމާއި، ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް އެޗްޑީސީން ފަށައިފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން، މިވަގުތު މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ފޭސް ދޭއްގެ ނިރޮޅުމަގު ސަރަހައްދުގައެވެ.

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު، ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ އަހަރުއެވެ.

މިހާރު ކުރިއަށްދާ ސްޕީޑް ބަމްޕުތައް ގާއިމްކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުވެ، ވެހިކަލްތަކާއި، ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ."