"މަތިވެރި މާތްﷲ ދިވެހި ރަށްތަކުގެ އަހުލުވެރިން ކާފިރުކަމާއި ޖަހާލަތާއި ޝިރުކުގެ އަނދިރިކަމުން އިސްލާމްދީނުގެ އަލިކަމުގެ ތެރެއަށް ނެރުއްވުމަށް އިރާދަކުރެއްވި ހިނދު އެކަން އިލްހާމުކުރެއްވީ ޢިލްމުވެރި ޒާހިރު އަޅުވެރިއަކަށެވެ. އެއީ ވަލީވެރި މައުލާނާ އައްޝައިޚް ޔޫސުފު ޝަމްސުއްދީނުލް ތަބްރީޒީއެވެ." މިއީ ދިވެހިރާއްޖެ އިސްލާމްވީގޮތުގެ ތާރީޚާ ބެހޭ ބާބު ފައްޓަވަމުން ދިވެހި ތާރީޚުގެ ބައްޕަކަމުގައިވާ އަލްޤާޟީ ޙަސަން ތާޖުއްދީން (1661-1726) ލިޔުއްވާފައިވާ ޢިބާރާތެވެ. އައްސުލްޠާނު މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (1704-1721) ގެ އަމުރުފުޅަށް ޙަސަން ތާޖުއްދީނު މީލާދީން 1705 ވަނަ އަހަރު ހާތަނުގައި ލިޔުއްވަން ފެށްޓެވި "ތާރީޚު އިސްލާމި ދީބާ މަޙަލް"ގައި ދިވެހިރާއްޖެ އިސްލާމްވިގޮތުގެ ވާހަކަ ލިޔުއްވާފައިވަނީ ދަރުމަވަންތަ ރަސްގެފާނާ ބެހޭގޮތުން ލިޔުއްވާފައިވާ ބައިގައެވެ. ދިވެހިރާއްޖެ އިސްލާމް ކުރެއްވި ޢިލްމުވެރިޔާގެ ނަންފުޅު އެކި ބޭފުޅުން އެކިގޮތަށް ލިޔުއްވާފައިވާއިރު ތާޖުއްދީނު އެ ބޭފުޅެއްގެ ނަންފުޅެއްކަމުގައި ލިޔުއްވާފައި މިވަނީ "މައުލާނާ އައްޝައިޚް ޔޫސުފު ޝަމްސުއްދީނުލް ތަބްރީޒީ" އެވެ.
"ބުނެވޭގޮތުގައި އެކަލޭގެފާނު އެބައިމީހުންނަށް އުޑުގެ ކަންކޮޅުތަކަށް އޭގެ ބޯ ގޮސް އޮބައިފައިވާ ބިރުވެރި ދާއްބައެއް ދެއްކެވިއެވެ. ދެންފަހެ އެބައި މީހުން އެ އެއްޗެއްދެކެ ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. ދެންފަހެ ރަސްގެފާނާއި އެ މަނިއްޕުޅު އަރިހުގައި އުޅުއްވާ ބޭކަލުންނާއި އެންމެހައި މީސްތަކުން އީމާން ވެއްޖައޫއެވެ. އެއަށްފަހުގައި ޝައިޚު، ރަސްގެފާނަށް މުޙައްމަދުގެ ނަމުން ނަން ދެއްވިއެވެ. އަދި އެމަނިއްޕުޅުގެ ދިވެހި ކޮލީނަންފުޅެއް ކަމުގައި ސިރީ ބުވަނާ އާދިއްތަ ހަމަޖެއްސެވިއެވެ."
އަލްޤާޟީ ޙަސަން ތާޖުއްދީނުގެ މި ވާހަކަފުޅުގައި ބުނެވޭގޮތުގައި ކަމަށް ވިދާޅުވެ ހަވާލާ ދެއްވާފައި އެވަނީ ދިވެހިރާއްޖެ އިސްލާމްވިގޮތާ ބެހޭ ގޮތުން ތުންތުންމަތީން ކިޔަމުން އައި ވާހަކަ ނުވަތަ ކަތާ (ފޯކްލޯރު) ގައި ކިޔާ ޖިންނިފުރޭތަ ނުވަތަ ރަންނަމާރީގެ ވާހަކައަށެވެ. ތާޖުއްދީނު އެކަން ހިނގާދިޔަ ގޮތުގެ ތަފުސީލެއް ލިޔުއްވާފައެއް ނުވެއެވެ. ނަމަވެސް އެ ބިރުވެރި ދާއްބައަކީ ދިވެހިރާއްޖެ އިސްލާމްކުރެއްވި ޢިލްމުވެރިޔާ "ދެއްކެވި" އެއްޗެއްކަމަށް ލިޔުއްވާފައި އޮތުމުން އެއީ އޭރު ކޮންމެ މަހަކު އަރަމުން އަންނަ އެއްޗެއް ނޫންކަމަށް ދަންނަވާނެ ފުރުސަތު ލިބިގެންދެއެވެ.
"މި މުޙައްމަދު ރަސްގެފާނާއި އެ މަނިއްޕުޅުގެ އަރިހުގައިވާ ބޭފުޅުން އައްޝައިޚް ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީގެ އަތްފުޅު މައްޗަށް އިސްލާމްވެވަޑައިގަތީ ހިޖުރައިން ފަސް ސަތޭކަ ސާޅީސް އަށްވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ތެރޭގައެވެ. އެއީ ބަޣުދާދުގައި ޚަލީފާއަކަށް ހުންނެވި އަލްމުޤްތަފީ ލިއަމްރިﷲގެ ވެރިކަމުގެ ދުވަސްވަރެވެ. އެ ޚަލީފާގެ ޚިލާފަތަށް ސޯޅަ އަހަރު ފުރިހަމަވުމަށް ފަހުގައެވެ. އޭރުވަނީ މުޙައްމަދު ރަސްގެފާނުގެ ރަސްކަމަށް ބާރަ އަހަރު ފުރިފައެވެ. ބުނެވޭގޮތުގައި މުޙައްމަދު ރަސްގެފާނު އިސްލާމް ވެވަޑައިގަތުމަށް ފަހު ތޭރަ އަހަރު ދިރި ދުނިޔޭގައި ހުންނެވިއެވެ."
ތާޖުއްދީނުގެ ތާރީޚުން ދިވެހިރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގައިކަން އެނގުނަސް އެއީ އެ މަހުގެ ކޮން ދުވަހެއްކަމެއް ނޭނގެއެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރުމަހުގެ ދެވަނަ ދުވަސް ކަމަށްވާތީ ދިވެހިރާއްޖެ އިސްލާމްވީ ހިޖުރައިން 2 ރަބީޢުލްއާޚިރު 548 ކަމުގައި ބަލައިފިނަމަ މީލާދުން އެ ދުވަހަކީ 27 ޖޫން 1153 ވީ ހޮނިހިރު ދުވަހެވެ. ދިވެހިރާއްޖެ އިސްލާމްވީ ޢައްބާސީ ޚިލާފަތުގެ ދުވަސްވަރުގައެވެ. އަދި މި ތާރީޚު ދިމާވަނީ ތާޖުއްދީނު ލިޔުއްވާފައިވާ ފަދައިން ޢައްބާސީ ޚިލާފަތުގެ 31 ވަނަ ޚަލީފާ އަލްމުޤްތަފީ ލިއަމްރިﷲގެ ޚަލީފާކަމުގެ ދުވަސްވަރާއެވެ. މި ޚަލީފާ ޚަލީފާކަން ކުރެއްވީ މީލާދީން 1136 އިން 1160 އަށެވެ.
"މި ރަސްގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު ފުރިހަމަ މުސްލިމެއްގެ ގޮތުގައި އުޅުއްވިއެވެ. ދީންވެރިކަމާއި ވަރަޢުވެރި ޒާހިދެއްގެ ގޮތުގައެވެ. ރައްޔިތުންގެ ލޯބި ލިބިވަޑައިގެން އަޅުވެރި ޢަދުލުވެރި ރަސްކަލެއްކަމުގައެވެ. ދީނީ ކަންކަމުގައްޔާއި ދުނިޔަވީ ކަންކަމުގައި އެންމެ ރިވެތި މިސާލެއްގެ ގޮތުގައި ޤާއިމުވެ ހުންނެވިއެވެ. ޝަރީޢަތުގެ ޙުކުމްތައް ޢަދުލް އިންސާފުގެމަތީން ޤާއިމު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެންމެހައި ރައްޔިތުންގެ އިޙުތިރާމާއި ފުރިހަމަ ތާއީދު މިލްކުކުރެއްވިއެވެ. މި ރަސްގެފާނަކީ ދީނީގޮތުންނާއި ސީޔާސީގޮތުން، ވެރިކަން ކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ވިއެވެ. އިސްލާމީ ޝިއާރުތައް ފާޅުކުރައްވައި ޝިރުކާއި ކުފުރުގެ އާދަކާދަތައް މުލުން ލުހެލެއްވިއެވެ. ބޮޑެތި މިސްކިތްތައް ރާއްޖޭގެ ރަށްރަށުގައި އެޅުއްވިއެވެ. މި ކަންތައްތައް މި މަގުން ހިނގީ މައުލާނާ އައްޝައިޚު ޔޫސުފު ޝމްސުއްދީން އައްތަބްރީޒީ މި ކަލޭގެފާނުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ."
އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމްވީއިރު ހުންނެވި ދަރުމަވަންތަ ރަސްގެފާނަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ ރަސްކަލެކެވެ. އެ ރަދުން ވަނީ ވަރަށް މަތިވެރި ދަރަޖައަކަށް ރައްޔިތުންގެ ލޯބި ހާސިލުކުރައްވާފައެވެ. ޝިރުކާއި ކުފުރު ނައްތާލައްވައި މިސްކިތްތައް ބިނާކުރައްވައި ދީނަށް އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވާފައެވެ. މިކަންތައްތައް މިގޮތަށް ކުރެއްވީ ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޢިލްމުވެރިޔާގެ އިރުޝާދާއި ލަފާފުޅާ އެއްގޮތަށް ކަމަށް ތާޖުއްދީން ލިޔުއްވާފައިވެއެވެ.
"މީގެ ފަހުން މާދިގު މުއްދތެއް ފާއިތު ނުވަނީސް އައްޝައިޚު ޔޫސުފު އައްތަބްރީޒީ މާލޭގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އެއީ ޛުލްޤައިދާމަހު ސައްބީސްވީ ހުކުރު ވިލޭރޭ ފަޖުރުލުމުގެ ކުރީގައެވެ. (އަދި އަހުރެން ހުވެފެނުގައި ދުށީމެވެ.) އެ ކަލޭގެފާނު ރަސްދާނުލެވުނީ މިހާރު ވެސް ފެންނަން އެހެރަ ޤުއްބުގެ ތެރޭގައެވެ. މާތްﷲ އެ ކަލޭގެފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށިއެވެ. އާމީން"
އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމް ކުރެއްވި ޢިލްމުވެރިޔާ ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ހިޖުރީގޮތުން ދިވެހިރާއްޖެ އިސްލާމްވި އަހަރުގައިކަން އެނގެއެވެ. އެ ތާރީޚަކީ 26 ޛުލްޤައިދާ 548 ވީ ހުކުރު ވިލޭރެއެވެ. މީލާދީގޮތުން އެއީ 12 ފެބުރުވަރީ 1154 އެވެ. ދިވެހިރާއްޖެ އިސްލާމްވުމަށްފަހު 7 މަހާއި 17 ދުވަހު އެ ޢިލްމުވެރިޔާ ދުނިޔޭގައި ހުންނެވިއެވެ. މާލޭ މެދު ޒިޔާރަތަކީ އެ ޢިލްމުވެރިޔާ ފަސްދާނު ލެވިފައިވާ ޒިޔާރަތެވެ.
މަޢުލޫމާތު:
އަލްޤާޟީ ޙަސަން ތާޖުއްދީން. (2020). ތާރީޚު ދީބާ މަހަލް. ފުރަތަމަ ދިވެހި އެޑިޝަން. ދިވެހިބަހުގެ އެކެޑަމީ.
ފޮޓޯ: ނާޖިޙް ދީދީ
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment