Support Us

ޗައިނީސް ޔުއާން އެކައުންޓް ބީ.އެމް.އެލް އިން ތައާރަފްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ބީ.އެމް.އެލް އިން ތައާރަފްކޮށްފިއެވެ.

މި ކަމަށޓަކައި ްމިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ކޮންގް ޝިއަންގްވާ އާއި ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ތައާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި:

ޗައިނީސް ޔުއާން އެކައުންޓް: އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސުން.

ޗައިނީސް ޔުއާން އިން އިންޓަރނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ޚިދުމަތް: ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން އިންޓަރނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ފޮނުވުމާއި ޗައިނީސް ޔުއާން އިން ރާއްޖެއަށް ފައިސާ ލިބޭ ގޮތް ހަމަޖެއްސުން.

ލެޓަރ އޮފް ކްރެޑިޓް (އެލްސީ): އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖެއްސުން. މީގެ ސަބަބުން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މާލީ މުޢާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ.

ވީޗެޓް ޕޭ: ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓަރކާޑު ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މަރޗަންޓުންނަށް ފައިސާ ދެއްކޭނެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް. މީގެ އިތުރުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ.

ވީޗެޓް ވޮލެޓް: ފުރަތަމަ ފަހަރަށް، ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ. އަދި ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފަރވެސް ކުރެވޭނެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީ ކުރުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވާލުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމަޢުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، އަދިފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް،" ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ބީއެމްއެލް އިން ދޫކުރަން ފަށާނެ ކަމަށްވެސް މި ރަސްމިއްޔާތުގައި އިއުލާންކުރިއެވެ. މި ކާޑު، ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވަރކްގައި ބޭނުންކުރެވޭނެ ކާޑެކެވެ.