Support Us

ދަރަނބޫދޫގައި ހިންގަން ނިންމައިފައިވާ މަޝްރޫޢުތައް ރަނގަޅު ފެންވަރުގައި ކުރިއަށް ގެންގޮސްދޭނަން: ރައީސުލްޖުމްހޫރިއްޔާ

ފ. ދަރަނބޫދޫގައި ހިންގަން ނިންމާފައިވާ މަޝްރޫޢުތައް ރަނގަޅު ފެންވަރުގައި ކުރިއަށް ގެންގޮސްދެއްވައި، ދަރަނބޫދޫގެ ތަރައްޤީ ޔަޤީންކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެރަށުގައި މިއަދު ފެށި މަޝްރޫޢުތަކާއި ކުރިއަށް ހުރި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު އެތަނުގައި ވަސީލަތާއި ޖާގަ އިތުރުވެ، ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރަނބޫދޫގައި މިއަދު ބިންގާ އެޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދާއިރު، ރަށުގައި އައުޓްޑޯ ވޮލީކޯޓަކާއި ފުޓްބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ދަރަނބޫދުއަކީ މޮޅު އެތުލީޓުން ގިނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ފުޓްބޯޅަ ދަނޑާއެކު ދުވާ ޓްރެކެއްވެސް ހައްދަވައިދެއްވާނެ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ނުދެވޭ ރަށްރަށުގައި، ފުލުހުންގެ ޚިދުމަތްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ދަރަނބޫދޫގައި މިއަހަރު ތެރޭގައި، ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްލްޖުމުހޫރިއްޔާ މިއަދު ރައްޔިތުންނަށް ދެއްވިއެވެ.

ދަރަނބޫދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ، އިތުރަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢެއް ކަމުގައިވާތީ، އެކަމާ ގުޅޭ މިނިސްޓްރީއާއި ކައުންސިލްގެ މަޝްވަރާއާ އެކު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *