Support Us

ލަސްވެގެން 30 މަސް ތެރޭގައި ނިލަންދޫ އެއާޕޯޓު ނިންމޭނެ: ރައީސުލްޖުމްހޫރިއްޔާ 

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދަކީ ވައިގެބަނދަރެއް ޤާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި ރައީސް ވަނީ، އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެއާޕޯޓު މަސައްކަތަށް މިހާރު ހިއްކައިފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1،800 މީޓަރުގެ ރަންވޭއެއް އެޅޭ ވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިލަންދުއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއްކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާޞިލުވުމަށް ކުރިއަށްގެންދަން ރާއްވަވައިފައިވާ އެހެނިހެން މަޝްރޫޢުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރަށުގެ ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މިއަދު މަސައްކަތް ފައްޓަވާނޭ ކަމަށާއި، ގިނަވެގެން ދެ އަހަރު ތެރޭ އެ މަސައްކަތް ނިމޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، އިރާދަކުރެއްވިއްޔާ މި އަހަރުތެރޭ ފެނުގެ ވިއުގަ ޤާއިމުކުރެއްވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމާ ގުޅުން ހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ނިލަންދޫގައި ޤާއިމުކުރާ ދަޅު ބަންދުކުރާ ކާރުޚާނާގެ އިންޖިނިއަރިން، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަސް އަންނަން ވާއިރަށް، ނިލަންދޫވެސް ހިމެނޭހެން، އެސް.ޓީ.އޯ އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން 200 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢު ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ނިލަންދޫ ރައްޔިތުންނަށް ދެއްވިއެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތާއި އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރަށް ތާވަލުކުރައްވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ، އަންނަ އަހަރުން ފެށިގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓަކީ ކައުންސިލް ބަޖެޓުގެ 10 އިންސައްތަ ކަމުގައި ކަނޑައަޅުއްވާނޭކަން އިޢުލާންކުރައްވާފައެވެ. މިއީ ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، އަންހެނުން ބާރުވެރިކުރުވުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ލާމަރުކަޒުކޮށް، ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުން އެދޭގޮތް އޮޅުންފިލުއްވައިގެންކަން އެމަނިކުފާނު ރޭވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދާނަމަ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކުރެއްވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ، ނިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ދަޅުބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފ އަތޮޅުގައި ފިއުލް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، ނިލަންދޫ އެއާޕޯޓް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، ނިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *