ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ފަށާ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުގައި ވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ދެނެގަނެ، އެފަދަ 8،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީވެސް، އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން މީގެ ކުރިން ޙައްލުނުކުރެވި، މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މި މައްސަލަތައް ޙައްލުކުރައްވާނީ، މޫނަށް ކަނދުރާއަށް ބެއްލެވުމެއް ނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމުގެ ޔަޤިންކަން އެމަނިކުފާނު ދެއްވިއެވެ.
އެގޮތުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ކޯޓުން އިއްވި ޙުކުމްތަކަށާއި، ދާދި ފަހުން ތަޞްދީޤުކުރައްވައި ޢަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށާއި، މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އެ ބިލު ހުށަހަޅުއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ފަދަ މައްސަލަތަކުގައި ކުރީގެ ސަރުކާރުތަކުން ފަހަތުފަޔަށް ބުރަވި ކަމުގައި ވިޔަސް، މި ސަރުކާރުން އެއްވެސް ދުލެއް ނުދެއްވާނޭ ކަމަށާއި އެމަނިކުފާނު ހިންގަވާނީ ޤަނޫނުގެ ވެރިކަން ކަމުގައި ރައީސް ވިދާޅުވިއެވެ.



advertisment