Support Us

ބިލެތްދޫ ބަނދަރާއި ބިމުގެ ޖާގަ ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދޭނަން: ރައީސް

ރަށަށް ބިން އިތުރުކުރުމާއި ބަނދަރުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކުރުމަކީ ހަމަ ހަޤީޤަތުގައިވެސް ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ދެ ކަންތައް ކަމަށާއި، ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ފ. ބިލެތްދޫގެ ބަނދަރާއި ބިމުގެ ޖާގަ، ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެ، ޔަޤީންކަން ދެއްވާފައި މި ވަނީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބިލެތްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ބިލެތްދޫ ބަނދަރު ސަރަޙައްދުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރައްވާފައިވާ އެމް.ޓީ.ސީ.ސީން މަސައްކަތްކޮށް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫޢަކަށް، ބިން ހިއްކުމުގެ މަޝްރޫޢު ވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ބިލެތްދޫގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، ހެލްތު ސެންޓަރަށް އިތުރު ކުރެވޭ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *