Support Us

ފުލިދޫ ބަނދަރާއެކު 12 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސުލްޖުމްހޫރިއްޔާ

ވ. ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު 12 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ހަތަރު އަތޮޅަކަ މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ ކުރިން، ބިން ހިއްކުމަކީ ރައްޔިތުން ބޭނުންވާ ކަމެއްކަން ލިޔުމުން ކައުންސިލް މެދުވެރިކޮށް ސަރުކާރަށް އެންގުމަށް އެދިވަޑައިގަންނަވާފައެވެ.

ދާދި ފަހުން އެހެން ރަށެއްގައި ބިންހިއްކުމުގެ މަސައްކަތުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން، އެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުން ބޭނުންނުވާތީ އެކަން ހުއްޓާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ މޫދާއި ފަޅުގެ ރީތިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އެގޮތުގައި އޮންނާނެ ގޮތަކަށް ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން ގޮތް ނިންމުމުން، ބިން ހިއްކުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ފުލިދޫ އަކީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ އިޤުތިޞާދުގައި ބޮޑުހިއްސާއެއް އަދާކުރާ، ރަށުގައި ޑޮލަރު ދައުރަވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ފެލިދޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޞިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާގެ ކަންކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މިއަދު ފުލިދޫގައި ޢަމަލީ މަސައްކަތް ފެށި ޞިއްޙީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެ ކަމަށާއި އެތަން ނިމޭއިރު ވިހި އެނދު ހުންނާނެކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅުމަށް ފުޓްސަލް ދަނޑެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، އެ ރަށު ވޮލީ ކޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފުލިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިއަދު އެރަށުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ރަށުގެ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ އިތުރުން ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ ވެސް އަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *