އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރު ބޭއްވުމަށް ދިވެހިރާއްޖެ ކަނޑައަޅައި މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ކަނޑައަޅައިފިއެވެ.
ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަޤްބަލާ މެދު މަޝްވަރާކުރާ މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން އިއުލާންކުރީ މި މަހުގެ 15-16 ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއަރމަންގެ މަގާމަށް ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ އައްޔަންކޮށްފައެވެ.
ޝަރީފް ވިދާޅުވީ އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް. އޭޝިއާގެ ބޭންކިންގ ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލް އިން މި އޮތީ ތައްޔާރަށް،" ޝަރީފު ވިދާޅުވިއެވެ.
"މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ވެސް ބީއެމްއެލް އިން ވަނީ ކާމިޔާބު ކޮންފަރެންސެއް ބާއްވައިފައެވެ. މި ކޮންފަރެންސް ބޭއްވުމަށް ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން ހާމަވެގެންދަނީ އޭޝިއާގެ ބޭންކިންގ ދާއިރާގައި ބިއެމްއެލްގެ ނުފޫޒާއި ލީޑަރޝިޕް އިތުރުވަމުންދާކަން ހާމަވެގެންދާކަމެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ވެއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯއިން، ސީނިއަރ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެއެވެ. މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާއަށް މުހިންމު މައުޟޫތަކާ ގުޅޭ މަޝްވަރާތަކާއި، ވަރކްޝޮޕްތަކާއި، ނެޓްވަރކިން ސެޝަންތައް ހިމެނޭނެއެވެ.



advertisment

