އަމާން ކަމުގައި މިނައު ދަނިކޮށް ޖެހުނު ވިއްސާރަ ޠޫފާނާ
ދިމާ އުތުރުން އެ އައި ވައިގައި ރިޔާ ވަކިކޮށްފި ދަންމާނާ
ރިޔާ ދޫ ކޮށްލުމަށް ހީކޮށް ދެ ހަންޖާ މޮހެ ލުމާ އެކުގައި
ކިޔާފައި ބާރު އަޑަކާ އެކު ބިނދިއްޖެ ކުނބާއި ފަރުމާނާ
ވަޔާ ވާރޭ ތެރޭ ލޯ ނުދިލިފައި ފަޅުވެރި ކުދިން ތިއްބާ
އޮޔާ ރާޅާ ތަޅައި ދަނިކޮށް ކެޔޮޅު ދުރު ކޮށްފި ހުންގާނާ
ދެ މާދާ ކިބަ މަލަރު ކެނޑިގެން ދިޔައިމާ ބަލަބަލާ ތިއްބާ
އެ މާސިންގާ ކަނޑަށް ދިޔައީ ވަކިވެ ހުންގާނު ހަޅިބައިނާ
ވަތުން އަޑިޔެއްނުވޭ ކަތުނޭ އަރާ ދިޔައެއް އަތުން ހިއްކައި
ކަތުން ބޯދީ ބަލަން ތިއްބައި ވަކިވެ ދިޔައީ ވަވަތް ފަށަނާ
ހަދާނެގޮތެއް ކުރާނެކަމެއް ނެތީމާ އަތުޖެހުނު ހުރިހައި
މުދާތައް، ވައު ވެލާ ވެއްޔާ އުކާލެވުނޭ ފެހާމާނާ
ބިރާ މޮޅިޔާ ހިތާމައިގައި ހަތަރު އުދަރެސް ވަށާ ބެދުމުން
ކިރާ ވަޒަނެއް ނު ކުރެވޭނޭ ކުރާ އަސަރާ ވި ލޮޚުސާނާ
ސަރާސަރު މާކަނޑުގެ އަޑިއަށް ފެތޭ އިރުގައި ދެފައި ތަޅަމުން
މަރާ ހަނގުރާމަ ކުރަމުންނޭ ދަނީ ތިބެގެން މި ހައި ހޫނާ
