Support Us

ހުޅުމާލޭ ގޮނޑުދޮށާއި މޫދު ސާފުކުރުން މި މަހު 27 އަށް ފަސްކޮށްފި

އެޗްޑީސީން އިސްނަގައިގެން ބާއްވަން އުޅުނު ހުޅުމާލޭ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތް މި މަހު 27 އަށް ފަސްކޮށްފިއެވެ.

ހުޅުމާލެ އަކީ ސާފުތަނަކަށް ހެދުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މި ހަރަކާތް، އެއް ހަފުތާ ފަސްކުރީ "ގިނަ ބައެއްގެ ޝައުގުވެރިކަން މި ހަރަކާތަށް ފާޅުކުރުމުން، އެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން" ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގުރާމަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމަށް ހިންގާ ހަރަކާތެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

"މި މަހުގެ 27 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމެވެ." އެޗްޑީސީން ބުނެއެވެ.

"މި ހަރަކާތާ ގުޅުވައިގެން، ތިމާވެށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ "މަންސަ" ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ."

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ.