Support Us

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭ ގޮނޑުދޮށާއި މޫދު ސާފުކުރަނީ

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދާން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ދިމާކޮށް ކުރިއަށްގެންދާ މި ހަރަކާތަކީ، ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އަޅައިފައިވާ ކުނި ނަގައި، މޫދު ސާފުކޮށް ބޭއްވުމާއެކު، މޫދުގެ ދިރުންތައް ރައްކާތެރި ކުރުމަށް ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި އެއީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމަށް ހިންގާ ހަރަކާތެއް ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޗްޑީސީން ނިންމައިފައި ވަނީ ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާށެވެ.

މި ހަރަކާތާ ގުޅުވައިގެން، ތިމާވެއްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ "މަންސަ" ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.