Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: "ދުނިޔެ ފަތަހަކުރާނީ ލޯބީގެ ބާރު އެނގޭ މީހާ"

މީގެ ދެތިން ހަފުތާ ކުރިއެވެ. އަހަރެން އިނީ ނުހަނު އިހްތިރާމުކުރާ މީހެއްގެ ކުރިމަތީގައެވެ. އަހަރުމެން ދެމީހުން ގެންދިޔައީ ދުނިޔެވީ ކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އެދުވަހު އޭނާ ބުނި އެއްޗަކުން އަހަރެންނަށް ވަރަށް ފުން ވިސްނުމަކަށް ދާންޖެހުނެވެ.

"އިޖާއަށް އެނގޭ ހެއްޔެވެ؟ ކޮންމެވެސް އެއް ދުވަހަކުން މި ދުނިޔެ ފަތަހުކުރާނީ އެންމެ ގިނަ ފައިސާ ހުރި މީހާއެއް ނޫނެވެ. ދުނިޔެ ފަތަހަ ކުރާނީ ލޯބީގެ ބާރު އެނގޭ މީހާއެވެ."

މި ބުނުމުގައި ކިހާ ބޮޑު ހަގީގަތެއް އެކުލެވިގެން ވޭބާއޭ އަހަރެން ހިތަށް އެރިއެވެ. ޔަގީނެވެ. ކޮންމެ އިންސާނެއްގެ ހިތުގެ އެންމެ އަޑީގައި ވަނީ ލޯތްބަށް އެދޭ އެދުމެވެ. އެހެން އިންސާނުންނާ އެކުގައި އުޅެ، ގުޅުން ބަދަހިކުރުމަށް އެދޭ އެދުމެވެ. އެހެން މީހުންގެ އަޅައިލުމާއި އޯގާތެރިކަމަށް އެދިއެދި ވާ އެދުމެވެ. މި އެދުމުގެ މައްޗަށް ގަދަވެގަތުމަކީ އިންސާނުންނަށް ދަތި އުނދަގޫ ކަމެކެވެ. ނަމަވެސް މި ބާރުގެ ވަރުގަދަކަން އެނގޭ މީހާއަށް ދުނިޔެ ފަތަހަ ކުރެވިދާނޭ ހެއްޔެވެ؟

މިއީ ހަގީގަތެއް ކަން ތާރީހުން ސާބިތުވީ ޑިޖިޓަލް ދުނިޔެ ކުޑަކަކޫމައްޗަށް ގެނައި "ލަވްބަގް" ނުވަތަ "އައިލަވްޔޫ" ވައިރަސްގެ ވާހަކައިންނެވެ.

އެއީ 2000 ވަނަ އަހަރެވެ. އިންޓަނެޓާ ގުޅޭއިރު ޑައިލް-އަޕްގެ އަޑު އިވޭ ޒަމާނެވެ. ޕާސްވޯޑަކީ އިންޓަނެޓު މެދުވެރިކޮށް ވަދެވޭ އާ ދުނިޔޭގެ ތަޅުދަނޑިއެވެ. އެ ދުނިޔޭގައި އެކި ކަންކަމުގައި ޝާމިލުވެ އުޅުނު މިލިއަނުން ގުނާލެވޭ މީހުންގެ ދުނިޔެ އެ ފުށްމިފުށަށް ޖެހުނީ އެމީހުންނަށް އައިސްފައިވާ މެއިލެއްގައި ލިޔެފައިވާ ސުރުހީއަކުންނެވެ. "ލަވް ލެޓަރ ފޯރ ޔޫ" މި އާދައިގެ އިބާރާތްކޮޅެވެ.

އެ ލިޔުންކޮޅު ކިޔައިފައި އިންޓަނެޓުގެ މިކަހަލަ ވިރާސީ ކަންކަމަށް ހޭލުންތެރި މީހުންގެ ވިސްނުން ވެސް ދިޔައީ ފެނަށެވެ. އެ ލިޔުންކޮޅު އަމާޒުވެފައިވަނީ އިންސާނުންގެ ކުރިއަރައިފައިވާ ސިކުނޑިއަކަށް ނޫނެވެ. އެމީހުންގެ މޭގައިވާ ނާޒުކު ހިތަށެވެ. އެއީ އިންސާނާގެ އެންމެ އަސާސީ އިހުސާސަށް އަމާޒު ކޮށްފައިވާ އިބާރާތްކޮޅެކެވެ. ލޯބީގެ ދަހިވެތިކަމުގެ އަވައިގައި ޖެހި އެތައް މިލިއަން މީހުން އެ މެއިލް ހުޅުވިއެވެ. މަދު ގަޑިއިރުތަކެއްގެ ތެރޭގައި މި ވައިރަސް އަލިފާންހެން މުޅި ދުނިޔެއަށް ފެތުރުނެވެ. ބޮޑެތި ކުންފުނީގެ ފައިލްތައް ބަންދުވެ، ޕާސްވޯޑްތައް ލީކުވެ، އެޑްރެސްފޮތްތައް ހައިޖެކްވެގެން ދިޔައެވެ. މިއަދާ ހަމައަށް މިވަރުގެ ބޮޑު ވައިރަލް ސްކޭމެއް ދުނިޔެއަށް ތަޖުރިބާކުރެވިފައެއް ނެތެވެ.

ނަމަވެސް މި ވައިރަސް އުފެއްދި މީހާ މިކަން ކުރީ އެހާ ގޯސް ނިޔަތެއްގައެއް ނޫނެވެ. އޭނާ އެކަން ކުރީ ދުނިޔެ ބިތްޖައްސައިލައިކަށް ނޫނެވެ. މި ވައިރަސް އުފެއްދި އޯނެލް ޑި ގުޒްމަންއަކީ ފިލިޕީންސްގެ މަނީލާގައި ދިރިއުޅެމުން ގެންދިޔަ 24 އަހަރުގެ ކުއްޖެކެވެ. އޭނާގެ އެދުމަކަށް ވީ އިންޓަނެޓުން މި ވަދެވޭ ދުނިޔެއަށް ވަނުމުގެ ތަޅުދަނޑިއެއް ހޯދުމެވެ. އިންޓަނެޓަށް ވަނުމަށް ބޭނުންވާ ޕާސްވޯޑާއި ފައިސާ އޭނާގެ އަތަކު ނެތެވެ. އެހެންކަމުން އެހެން މީހުންގެ ޕާސްވޯޑްތައް ހޯދުމަށް އޭނާ ހެދީ ޕްރޮގްރާމެކެވެ. އޭނާ މި މެއިލް ފޮނުވާލީ އޭނާއަށް އެނގޭ ފިލިޕީންސް މީހުންނަށެވެ. މެއިލްގައިވާ އެޓޭޗުމަންޓު ހުޅުވައިލަން ފިއްތައިފިނަމަ އޭތި އެމީހެއްގެ ޕާސްވޯޑް ދަމައިގަނެއެވެ. އަދި އޭނާގެ އެޑްރެސް ފޮތުގައިވާ އެންމެންނަށް އަމިއްލައަށް ފޮނުވޭގޮތަށް އޮތީ ޕްރޮގްރާމު ކޮށްފައެވެ.

އޭގެ އަނެއް ދުވަހު އޭނާ އުފެއްދި ވައިރަސް 45 މިލިއަނަށް ވުރެ ގިނަ ކޮމްޕިޔުޓަރަށް އަރައިފިކަން އޭނާއަށް އެނގުނެވެ. އޭގެ ސަބަބުން އެތައް ސަރުކާރެއްގެ ސިސްޓަމް މަސައްކަތްކުރުން ހުއްޓުނެވެ. އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ އީމެއިލް ނެޓްވޯކް ބަންދުވިއެވެ. ފެންޓަގަންއަށް ވެސް ބޮޑުތަނުން އަސަރުކުރިއެވެ. ދުނިޔޭގެ ބޮޑެތި އަސްކަރީ މަރުކަޒުތައް އިނދަޖައްސައިލިއެވެ. އޭރު އިގްތިސާދީ މާހިރުން ލަފާކުރި ގޮތުގައި އެ ވައިރަސްގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ބިލިއަނަށް އަރައެވެ. ލޯބި ހޯދުމަށް އިންސާނުން ފެންބޮވައިގެންފައިވާ މިންވަރުން ދުނިޔެއަށް ކޮށްފާނޭ އަސަރުގެ އަންދާޒާ ކިހިނެތް ބާއެވެ؟

އޭގެ ވިއްސަކަށް އަހަރު ފަހުން މި ވައިރަސް ހެދި މީހާ އެކަމަށް އިއުތިރާފުވިއެވެ. އޭނާ ކައިރީގައި އެއީ ކިހިނެތް އޭނާއަށް އައި ހިޔާލެއްތޯ އެހުމުން އޭނާގެ ޖަވާބަކަށް ވީ، "މީހުން ލޯތްބަށް ބޭނުންވާ ވަރު އަހަރެންނަށް އެނގޭ. އެހެންވެ އެ ވައިރަސްއަށް އެ ނަން ދިނީ" މިއެވެ.

އޭނާ ހަދައިފައިވާ ވައިރަސްއަކީ ޓެކްނޮލޮޖީގެ ގޮތުން މާ މޮޅު ކަމެއް އެކުލެވިފައިވާ ވައިރަސްއެއް ނޫނެވެ. ޓެކްނޮލޮޖީގެ މާހިރުން ބުނާގޮތުގައި މިއީ ވަރަށް ދަށް ފެންވަރަކަށް ކޯޑު ކުރެވިފައިވާ ވައިރަސްއެކެވެ. ނަމަވެސް ވަރުގަދައީ އޭނާ އެއަށް ދިން ނަމެވެ. އެ މެއިލް ފެންނަ މީހަކަށް އެއީ ކޯއްޗެއްތޯ ބަލައިލަން ފިތާނުލާ ދޫކޮށްނުލެވުނު ސުރުހީއެވެ. އިންސާނާގެ ހިތަކީ ނާޒުކު އެއްޗެކެވެ. ލޯބީގެ ބާރުގައި ދުނިޔެ ކުޑަކަކޫމައްޗަށް ގެނެވިދާނޭކަން ޑި ގުޒްމަން ވަނީ ސާބިތުކޮށްދީފައެވެ.

ދުނިޔެ ހުއްޓުމަކަށް ގެނައި ޑި ގުޒްމަން މިއަދު އިންނަނީ މަނީލާގެ ކުޑަކުޑަ މޯބައިލް ފޯނު މަރާމާތުކުރާ ފިހާރައެއްގައެވެ. އޭނާ ކުރި ކަންތަކަށް މިއަދު އޭނާ ހިތާމަކުރެއެވެ. މިހާރުވެސް މީހުންނަށް އޭނާ ފެނުމުން އެއީ ކާކުކަން އެނގެއެވެ. ނަމަވެސް އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާގެ މި އަމަލުގެ ސަބަބުން ދުނިޔެއަށް ހީވެސް ނުކުރާ ބޮޑެތި ފިލާވަޅުތަކެއް ލިބުނެވެ. ކިތަންމެ ވަރުގަދައަށް އަޅައިފައިވާ ފާރެއްވެސް ލޯބީގެ ބާރުގައި ވައްޓައިލެވިދާނޭ ކަމެވެ.