Support Us

ގދ.ގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ގާއިމުކޮށް، 11 އަތޮޅެއްގެ ހުރިހާ ރަށެއް ކަވަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ގދ. އަތޮޅުގެ ފަސް ރަށެއްގައި ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މިއާއެކު ގައުމީ ބޭނުންކުން ވަނީ 11 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބީ.އެމް.އެލް އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު މިތާ ހުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ރައްޔިތުނަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ މުޖުތަމަޢުތަކަށް ވީހާވެސް ގާތުން ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަކީ އެ މަގްސަދު ހާސިލްކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް،" ބީ.އެމް.އެލް އިން އިއްޔެ ބުންޏެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފް ސަރވިސް ބޭންކިން ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ."