Support Us

ގއ.ގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ގާއިމުކޮށް، 10 އަތޮޅެއްގެ ހުރިހާ ރަށެއް ކަވަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ގއ. ކޮނޑޭއާއި ކަނޑުހުޅުދޫގައި ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މިއާއެކު ގައުމީ ބޭނުންކުން ވަނީ 10 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް އެ ދެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލަށް ގާއިމުކުރި އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިން ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެއެވެ. މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކުރި މަސައްކަތެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އައު އޭޓީއެމް ސެންޓަރުތަކަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"މިއަދުން ފެށިގެން ފައިސާ ނެގުމާއި ޖަމާކުރުމަށް ގއ. އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ މީހަކު އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭނެ. އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް މިހާރު ކޮންމެ ރަށަކުންވެސް ލިބޭނެ،" ޝަރީފު ވިދާޅުވިއެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 158 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 217 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ."