ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، އަންނަ އަހަރުން ފެށިގެން, ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓް (އެންމެ ދަށް ރޭޓު)ން ބިލްކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާން ކުރެއްވީ މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް މިހާރު ބިލްކުރަނީ "ގަވަންމަންޓް ރޭޓް" އިންނެވެ. އެއީ އެންމެ ބޮޑަށް ޗާޖްކުރާ "ވިޔަފާރި ރޭޓަ"ށްވުރެ ކުޑަ ރޭޓެކެވެ. ޑޮމެސްޓިކް ރޭޓަކީ އެންމެ ދަށް ރޭޓެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން، ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ފައިސާގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ، އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރައްވައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުޞޫލު މުރާޖަޢާކުރެއްވުމަށް ވެސް ނިންމަވައިފައެވެ.



advertisment

