ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަށް ޝުކުރު އަދާކޮށް އައު މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދަށް ސްޓެލްކޯ އިން މަރުހަބާ ކިޔައިފިއެވެ.
މީސްމީޑިއާގެ ޕޯސްޓެއްގައި ސްޓެލްކޯ އިން މިއަދު ބުނީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ފަހުމީ ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށާއި މުވައްޒަފެއްގެ ގޮތުގައި އެކި މަގާމުތަކުގައި ހުންނަވައިގެން 27 އަހަރު ކޮށްދެއްވި އިހުލާސްތެރި ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި އައު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަމާހް އައްޔަން ކުރެއްވުމުން ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

ފަހުމީ ވަކިކޮށް، ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހް އައްޔަން ކުރީ އިއްޔެ އެވެ.
ފަހުމީ އަކީ ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ނޮވެމްބަރު 2023 ގަ އެވެ.
މި ސަރުކާރުގައި ޝަމާހު މީގެ ކުރިން ވަނީ ގައުމީ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމު އަދާކުރައްވައިފައެވެ. ނަމަވެސް މިދިޔަ އަހަރު އެ މަގާމުން ވަކިކޮށް އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.



advertisment

