Support Us

އެސްޓީއޯގެ ހުޅުމާލެ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް ދޭކުން ބިމަކަށް ބަދަލުކޮށްފި

އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓާ، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރު (308 މިލިއަން ރުފިޔާ) އަށް އަގުކޮށް ހުޅުމާލޭ ފޭސް ދޭކުން ބިމަކަށް ބަދަލުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ހުސްވި އޮގަސްޓް މަހުގެ 31 ގައި ސޮއިކުރި މި މުޢާމަލާތާ ގުޅިގެން ކުންފުނީގެ އެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، މި އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށެވެ.

"މި އިޢުލާނު ކުރެވިފައި މި ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީ.ޑީ.އޯ.އައި) ރެގިއުލޭޝަންގެ ދަށުންނެވެ. ވީމާ މިކަން ކުންފުނީގެ ހިއްސާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގަމެވެ." އެސްޓީއޯގެ ބަޔާނެއްގައި ވެއެވެ.

އެޗްޑީސީން އޯގަސްޓް މެދުތެރޭގައި ވަނީ މި ހޮޓަލުގެ މަސައްކަތް އެއްކޮށް ނިންމައި އެތަން ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ މީޑިއާ ވިލެޖް ހިމެނެނީ މި ހޮޓަލުގައެވެ.

ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ހުޅުމާލޭގައި ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދައިފައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކު ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.

"މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ވެސް ތަރައްގީ ކުރާނެއެވެ. މިތަންތަން ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައެވެ." އެޗް.ޑީ.ސީން ބުނެފައިވެއެވެ. "އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑަޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ."