ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ދެ މިސްކިތް އަޅަން ބޭނުންވާ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ. މިނިސްޓްރީގެ ފަރާތުން، މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި އެއްބަސްވުމުގެ ދަށުން، އެޗްޑީސީން ވަނީ ދެ މިސްކިތް ގާއިމްކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން، 27،920 އަކަފޫޓުގެ ބިމަކާއި 20،720 އަކަފޫޓުގެ ބިމެއް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
"ތިން ފަންގިފިލާއަށް އިމާރާތްކުރާ މި ދެ މިސްކިތަކީވެސް 2،500 އާއި 3،000 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ މިސްކިތެކެވެ. މިއީ، ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަހައްދުތަކުގައި ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ." އެޗްޑީސީން ބުނެއެވެ.
"އެޗްޑީސީގެ އަމާޒަކީ، ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްޔިތުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމްވެފައިވާ އައިލެންޑް ސިޓީއަކަށް ހެދުމެވެ. އެގޮތުން، ހުޅުމާލޭގައި އާންމުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ."



advertisment

