Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: މައިންނާއި ދަރިންގެ މެދުގައިވާ ގުޅުމުގެ އަޖައިބުކަން- ސައިންސްގެ ނަޒަރުން

މައިންނާއި ދަރިންގެ މެދުގައިވާ ގުޅުމަކީ ހައިރާންކުރުވަނިވި ގުޅުމެކެވެ. ބައެއް މައިންނަށް އެމީހުންގެ ދަރިންނާ ދުރުގައި ތިބެ، އެކުދިންނަށް ކަމެއް ދިމާވާ ހިނދު އިހުސާސްކުރެވޭ ވާހަކަ ބުނެއެވެ. މި ގުޅުމުގެ އަޖައިބުކަމާ ބެހޭގޮތުން އިލްމުވެރިން އަބަދުވެސް ދަނީ ދިރާސާކުރަމުންނެވެ. މި ގުޅުމުގެ ފެށުމަކީ މަންމަގެ ބަނޑުގައި ދަރިފުޅު އުފެދޭ ހިސާބެވެ.

ބަނޑުގައި ދަރިފުޅު އުފެދޭ ދުވަސްވަރަކީ ދެ ފުރާނައެއް އެއްވެގެންދާ ދުވަސްވަރެއް ކަމުގައި ގިނަ މީހުން ދެކެއެވެ. ސައިންސްގެ ހޯދުންތަކުން ދައްކާގޮތުގައި މި ގުޅުމަކީ ހަމައެކަނި ލޭއާއި ކާނާ ހިއްސާކުރުމަށްވުރެ މާ ފުން ގުޅުމެކެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަ ދުވަސްވަރު، އެ ކުއްޖާގެ ސެލްތައް މަންމަގެ ހަށިގަނޑުގެ ތެރެއަށް ދަތުރުކުރެއެވެ. އަދި ހަމައެހެންމެ މަންމަގެ ސެލްތައްވެސް އެ ކުއްޖާގެ ހަށިގަނޑަށް ދަތުރުކުރެއެވެ. ތަހުލީލުތަކުން ދައްކާ ގޮތުގައި މިކަމުގެ ސަބަބުން އުފެދޭ ބަޔޮލޮޖިކަލް ގުޅުމަކީ މުޅި އުމުރަށް ދެމިގެންދާ ގުޅުމެކެވެ. މި ޕްރޮސެސްއަށް ކިޔަނީ "ފީޓަލް-މެޓަރނަލް މައިކްރޯކައިމެރިޒަމް" އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކުއްޖާގެ ސެލްތައް މަންމަގެ ލޭއާ ގުޅެން ފަށަނީ ބަނޑުބޮޑުވާތާ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައެވެ. މިގޮތަށް މަންމަގެ ހަށިގަނޑާ ގުޅޭ ދަރިފުޅުގެ ސެލްތައް މަންމަގެ ހަށިގަނޑުގައި ދަރިފުޅު ވިހާތާ އެތައް އަހަރެއް ފަހުންވެސް ހުރެއެވެ. ތަހުލީލުތަކުން މަންމަގެ ކަށީގެ މެދުއާރު، ފުއްޕާމޭ، ހަންގަނޑު، ތައިރޮއިޑް އަދި ސިކުނޑިން ވެސް ދަރިފުޅުގެ ސެލްތައް ފެނިފައިވެއެވެ. މީގެ 13 އަހަރު ކުރިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފިރިހެން ދަރިން ވިހޭތާ އެތައް އަހަރެއް ފަހުން ވެސް އެ ދަރިންގެ ޑީއެންއޭ މަންމައިންގެ ސިކުނޑީގައި ހުރެއެވެ. މިއީ ދަރިފުޅުގެ ސެލްތައް ދާއިމަށް މަންމަގެ ހަށިގަނޑުގައި ހުރެދާނެ ކަމުގެ ހެއްކެކެވެ. ނަމަވެސް މިހެން ވާންޖެހޭ ސަބަބަކީ ކޮބައިބާއެވެ؟

މި އަޖައިބުކުރުވަނިވި ހޯދުންތަކުން ސައިންޓިސްޓުން އެންމެ ޝައުގުވެރިކަމާއެކު ތަހުލީލު ކުރަން ބޭނުންވީ މައިމީހާއަށް ގެއްލުމެއް ލިބޭ ހިނދު މަންމަގެ ހަށިގަނޑުގައި ވާ ދަރިފުޅުގެ ސެލްތައް އަމަލުކުރާނެ ގޮތް ހޯދުމަށެވެ. މި ތަހުލީލުކުރުމަށް ޓަކައި ސައިންޓިސްޓުން ބޭނުންކުރީ މީދަލެވެ. މަންމަ މީދަލުގެ ހިތަށް ގެއްލުމެއް ލިބުމުން އޭނާގެ ދަރިފުޅުގެ ފަރާތުން ހަށިގަނޑަށް ދައުރުކޮށްފައިވާ ސެލްތައް ހިތުގެ ސަރަހައްދަށް ދަތުރުކޮށް ހިތުގެ ޚާއްޞަ ސެލްތަކަކަށް ބަދަލުވެއެވެ. މި ހޯދުމުން ދޭހަވަނީ މަންމަ ގައިގައިވާ ދަރިފުޅުގެ ސެލްތައް މަންމަގެ ހަލާކުވެފައިވާ ޓިޝޫތައް މަރާމާތުކުރުމަށް އެހީތެރިވެދޭކަމެވެ.

މި ހޯދުންތައް މިހާ ސާފުކޮށް އިންސާނުންގެ މައްޗަށް ކޮށްފައިވާ ތަހުލީލުތަކަކުންނެއް ނުދެއްކިނަމަވެސް މަންމައަށް ގެއްލުމެއް ލިބޭ ވަގުތު ދަރިފުޅުގެ ސެލްތައް އެ ސަރަހައްދަށް ދަތުރުކުރާކަން ދިރާސާތަކުން ސާފުކޮށް ދައްކައެވެ. މިކަމުން ދޭހަވަނީ ދަރިފުޅުގެ ސެލްތަކުން މަންމަ ރައްކާތެރިކުރުމަށް އެހީތެރިވެދޭ ނިޒާމެއް ހަށިގަނޑުގައި ހުރެދާނެކަމެވެ.

ދަރިފުޅު އުފަންވުމަށްފަހު އެތައް ޒަމާނެއް ވަންދެން މަންމަގެ ހަށިގަނޑުގައި ދަރިފުޅުގެ ސެލްތައް ހުރުމާއި މަންމައަށް ގެއްލުމެއް ލިބޭ ހިނދުގައި އެ ސެލްތައް މަންމަގެ ހަށިގަނޑު މަރާމާތު ކުރުމުގައި އެހީތެރިވެދިނުމަކީ ހައިރާން ކުރުވަނިވި ކަމެކެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ދަރިފުޅަށް ވާ ވަރަށް ބޮޑެތި ފައިދާތަކެއް ހުރެއެވެ. މައެއްގެ ސިއްހަތަކީ ކުޑަކުއްޖާގެ ދިރިހުރުމުގެ އަސާސެވެ. މިއީ ހަމައެކަނި ބަނޑުގައި އޮންނައިރު އެކަންޏެއް ނޫނެވެ. އިންސާނު އިންސާނުން ދުނިޔެއަށް އުފަންވެ އެތަކެއް އަހަރެއް ވަންދެން އެމީހުންގެ ދިރިހުރުމަށް އެހެން މީހުންގެ ރައްކާތެރިކަމާއި އަސާސީ ބޭނުންތައް ފުއްދުމަށް އެހެން މީހުންގެ މައްޗަށް ބަރޯސާވެއެވެ. ވީމާ، ދަރިފުޅު ވިހެއުމަށްފަހުގައި ވެސް ދަރިފުޅުގެ ސެލްތަކުން މަންމަގެ ހަށިގަނޑު ރަނގަޅުވުމަށާއި ވަރުގަދަވުމަށް އެހީތެރިވެދޭނަމަ، މިއީ މަންމައަށް ދަރިފުޅު ގާތުން ބެލެހެއްޓުމާއި، ކާންދިނުމާއި، ރައްކާތެރިކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމެކެވެ. ގުދުރަތީ ގޮތުން ކުޑަކުދިން ބޮޑުވެ ފުރާފުރިހަމަ ވަންދެން އެކުދިންގެ ހުރިހާ ކަމެއްގައި އުޅޭނީ ޔަގީންކަމާ އެކުގައި އެކުއްޖާގެ މަންމައެވެ.

މި ނަޒަރިއްޔާތުން ބަލާއިރު، މަންމަގެ ޓިޝޫތަކުގައި ދަރިފުޅުގެ ސެލްތައް ހުރުމަކީ ދަރިފުޅު ދިރިހުރުމަށް ކުރެވޭ އިންވެސްޓްމަންޓް ސްޓްރެޓެޖީއެއްގެ ގޮތުގައި ދެކެވިދާނެއެވެ. މަންމަގެ ހިތަށް، ތައިރޮއިޑަށް، ނުވަތަ ހަމަށް ގެއްލުމެއް ލިބޭ ހިނދު، އެ ގެއްލުން ރަނގަޅުކުރުމަށް އެހީތެރިވުމަށް ދަރިފުޅުގެ ސެލްތައް އެ ސަރަހައްދަށް ދަތުރުކުރުމަކީ، ދަރިފުޅުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނޭ އެންމެ މުހިންމު މީހާ ރައްކާތެރިކުރުމުގެ ގޮތުން ވާ ކަމެއް ކަމުގައި ބެލެވިދާނެއެވެ. ބައެއް ސައިންޓިސްޓުން ހުށަހަޅާގޮތުގައި މިއީ އިވޮލިއުޝަނަރީ މެކޭނިޒަމެއް ކަމަށް ވެދާނެއެވެ. މިއީ ދަރިފުޅު މުޅިން މިނިވަންނުވާ އަހަރުތަކުގައި މަންމަ ވަރުގަދަކޮށް، ގާބިލުކަން ހިފެހެއްޓުމަށް އޮންނަ ނިޒާމެއް ކަމަށް ވުމީ ވަރަށް ގާތްކަމެކެވެ.

"ފީޓަލް-މެޓަރނަލް މައިކްރޯކައިމެރިޒަމް" އަކީ އެއްކޮޅަށް އޮންނަ ގުޅުމެއް ނޫނެވެ. ބަނޑުގައި ދަރިފުޅުގެ ހަށިގަނޑަށް ވަންނަ މަންމަގެ ސެލްތަކުން ވެސް ފައިދާކުރަނީ ހަމަ ދަރިފުޅަށެވެ. މި ސެލްތަކުން ދަރިފުޅުގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ތަރައްގީވުމަށް އެހީތެރިވެދޭ ކަމަށް ވެދާނެއެވެ. މިގޮތުން މަންމަގެ އެންޓިޖެންތައް ދެނެގަތުމަށް ދަރިފުޅުގެ ދިފާއީ ނިޒާމަށް އެހީތެރިވެދީ، ނުރައްކާތެރި އިމިއުން ރިއެކްޝަންތައް މަދުކުރަނީ ކަމަށްވެސް ވެދާނެއެވެ. މީގެ ނަތީޖާއަކީ މަންމައާއި ދަރިފުޅާ ދެމެދު ދާއިމަށް ދެމިގެންދާ ސެލިއުލަރ މުވާސަލާތެކެވެ. މިއީ ބަނޑުގައި އޮންނައިރު ފެށިގެން އެންމެ ފަހުދުވަހާ ހަމައަށް ދެމިގެން ދާނޭ މުވާސަލާތެކެވެ.

މި ހޯދުންތަކުގެ އަލީގައި މައިވަންތަކަމަކީ ހަމައެކަނި ޖަޒުބާތުގެ މައްޗަށް ބިނާވެފައިވާ އިޖުތިމާއީ ގޮތުން ބޮލުގައި އެޅިފައިވާ ރޯލެއް ނޫންކަން އެނގެއެވެ. މައިވަންތަކަމަކީ ދެ ފުރާނައެއް އުމުރަށް އެކުވެގެންދާ ކަމެކެވެ. މިއީ ގުދުރަތީ ނިޒާމުގެ އަޖައިބުކަމާއި ފުރިހަމަކަން ދޭހަކޮށްދޭ މިސާލެކެވެ.

މި ހޯދުންތަކުން އަލިއަޅުވާލަނީ ދިރިއުޅުމުގެ އަޖައިބުކަމާއި، ގުދުރަތީ ގޮތުން އުފެދިފައިވާ ގުޅުންތަކުގެ ފުރިހަމަކަމުގެ މައްޗަށެވެ. މިއިން ދޭހަވަނީ މަންމައަކާއި ދަރިފުޅެއްގެ ދެމެދުގައި އޮންނަ ގުޅުމަކީ ވަރަށް ޚާއްޞަ، އަދި ހައިރާންކުރުވަނިވި ގުޅުމެއްކަމެވެ. މި ގުޅުމަކީ ހަމައެކަނި ލޯމައްޗަށް ފެންނަ ގުޅުމެއް ނޫނެވެ. އެއީ ސެލްތަކުގެ ފެންވަރުގައި، މޮލެކިއުލަރ ފެންވަރުގައި އޮންނަ ގުޅުމެކެވެ.