Support Us

ހދ.ގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ގާއިމުކޮށް، 9 އަތޮޅެއްގެ ހުރިހާ ރަށެއް ކަވަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ހދ. ކުމުންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި އިން އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މިއާއެކު ގައުމީ ބޭނުންކުން ވަނީ ނުވަ އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.

ކުމުންދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުމުންދޫގެ އިތުރުން ބޭންކުން މިއަދު ހދ. ކުރިނބީގައިވެސް އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކުމުންދޫގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ ނުވަ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑުމެންގެ އޭޓީއެމް ޚިދުމަތް މިވަނީ ގާއިމްކުރެވިފައި ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ އޭޓީއެމްއަކާއެކު، އަޅުގަނޑުމެން މިދަނީ މުޖުތަމައުތަކާ ވީހާވެސް ގާތުން ބޭންކިން ޚިދުމަތްތައް ދެމުން. އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެ ފަރުދަކަށްވެސް އަދި ކޮންމެ މުޖުތަމައަކަށްވެސް މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިކޮށްދިނުން،" ޝަރީފު ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 156 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 215 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.