ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ހިޖުރައިން 1359ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ 19 ވީ ބުރާސްފަތި ދުވަހު (19 ޑިސެންބަރު 1940 ގައި) ލިޔުއްވާ ނިންމެވި މަޝްހޫރު "ބޮޑުތަކުރުފާނު ވާހަކަ" އަކީ އެހެން ބައެއް ބޭފުޅުން ލިޔުއްވާފައިވާ އަދި ކިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކަތަކާ ޚިލާފަށް ޢިލްމީގޮތުން ދިރާސާކުރައްވައިގެން ލިޔުއްވާފައިވާ ފޮތެކެވެ. ޞަލާޙުއްދީނުގެ ބޮޑުތަކުރުފާނު ވާހަކައަކީ ތާރީޚު ފޮތެއްކަމަށް އެ ފޮތުގައި ލިޔުއްވާފައި ނެތަސް އޭގެ މައްޗަށް ބިނާކޮށް ތާރީޚީގޮތުން ހަވާލާ ދެވޭނެ ތާރީޚުތައް ހިމަނުއްވާފައިވާ ތާރީީޚީ ރިވާޔަތެކެވެ.
މި އަގުހުރި މަސައްކަތް ޞަލާޙުއްދީން ކުރައްވާފައި ވަނީ ވަރަށް މަތިވެރި މަގުސަދެއްގައެވެ. އެ މަނުކުފާނު ލިޔުއްވާފައިވެއެވެ. "އުތީމު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކަ މި ރާއްޖޭގެ މީހުން އެ ރަދުންގެ ޒަމާނުއްސުރެ ކިޔައިއުޅެތެވެ. އެ ވާހަކަ ކިޔައިއުޅޭ އެންމެންމެ ކިޔާގޮތުގެ މައިގަނޑު އޮންނަނީ ދާދި އެއްގޮތަކަށްމެއެވެ. އެކަމާއިއެކު އެ ވާހަކަ ވެސް ލިޔެގެން ގެންގުޅުމެއް ނެތުމާއި ކިޔާ މީހުންގެ ޖާހިލުކަމުން ވާހަކައިގެ މަލަމަތި ހުތުރު ވާހައިވަރަށް ހިސާބަށްވުރެ ކަންބޮޑުކޮށްގެން އުޅޭން ހަދައިގެން އެ ހިސާބުގެ މާތް ބެއިކަލަކު ކުރެއްވި މާތް މޮޅު ކަންތައްތަކުގެ ސިފަ ހުތުރުވެ، މުޅީން ފުލޯކު ވާހަކައިގެ ތައްގަނޑަށް ޖެހިގެން ނުކުމެ ދެއެވެ. އަދި އެ ކަންތައްތައް ހިނގި ތާރީޚުތައް ކުޑަކޮށް ވެސް ނުދައްކާކަމުން އެ ވާހަކައިން ލިބޭންވީ ފައިދާއިން މީސްތަކުން ވަނީ މަޙްރޫމް ވެގެންނެވެ. އަދި އެ ޒަމާނުގެ ވާހަކަތައް ޤާޟީ ތާޖުއްދީނު ލިޔުއްވާފައިވާ ތާރީޚުގައި ހުރި ގޮތަކާއި ވެސް ޚިލާފުކަމުން އެއްޗެއް ފިލާހައެއްވެސް ނުވެއެވެ."
ޞަލާޙުއްދީން ލިޔުއްވި ބޮޑުތަކުރުފާނު ވާހަކައަކީ ޢިލްމީ އަގުހުރި މަސައްކަތްޕުޅެކެވެ. އޭރު އެ ޒަމާނުގައި ލިބިވަޑައިގެންނެވި މަޢުލޫމާތުތަކުގެ މައްޗަށް ކުރެއްވި ދިރާސާއެއްގެ ނަތީޖާއެވެ. ބޮޑުތަކުރުފާނުގެ ވާހަކަ ފަށްޓަވަމުން ދެއްވާފައިވާ ބަޔާނުގައި ޞަލާޙުއްދީން މި އަގުހުރި މަސައްކަތް ކުރެއްވިގޮތް ވިދާޅުވެފައިވެއެވެ. "އަހުރެމެން މި ގަސްތު ކުރަނީ އުތީމު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކަ އަހުރެމެންނަށް ހޯދުނު ވަރަކަށް ހޯދައި ބަލައި ތާޖުއްދީނުގެ ތާރީޚުގައިވާ ގޮތަށާއި އުތީމު މަހާރަދުންނަށްފަހު ރެދަލި ކުރެއްވި އެ ރަދުންގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުންގެ ޒަމާނުގައި މި ރާއްޖެ އައިސް ރާއްޖޭގައި އެތައް ދުވަހަކު އުޅެ ރާއްޖޭގެ ވާހަކަތައް ލިޔުނު ފަރަންސޭސި (ޕިރާޑު) ލިއުއްވި ފޮތުން ވެސް އެނގުނު ތަކެތީން ބަޔަކާއި، އެ ޒަމާނުގައި މި ރާއްޖެޔާއި ހަނގުރާމަކޮށް އުޅުނު ޕޯޗްގީޒް ސަރުކާރުގައި ލިޔެވިފައި ހުރި ތަކެތީން ވެސް ލިބުނު މިންވަރަކުން ބަޔަކާއި އަދި އެ ވާހަކަ ކިޔައިއުޅޭ މީހުން ކިޔާ ގޮތުގެ ތެރެއިން ވެސް ލިޔެ ޤަރާރު ކުޅައުމަށް އެކަށީގެންވާ ތަކެއްޗާއި، މި ހުރިހައި ގޮތަކުން އަހުރެންނަށް ލިބިހުރި ކުޑަކުޑަ މަޢުލޫމާތެއްގެ މިންވަރުން އެ ވާހަކަ އިޞްލާޙުކޮށް ތާރީޚީ ރިވާޔަތެއްގެ ގޮތުގައިލިޔެލުމަށެވެ."
ޞަލާޙުއްދީން ލިޔުއްވި ބޮޑުތަކުރުފާނުގެ ވާހަކައަކީ އެ މަނިކުފާނު 1921 ވަނަ އަހަރު ލިޔުއްވި "ރިވާޔަތު ކަރީމުދީން ބުނު ދިލާވަރުބަޚުޝް" (ދޮންބީފާނު ވާހަކަ) ފަދަ ވާހަކައެއް ނުވަތަ އެފަދަ ރިވާޔަތެއް ނުވަތަ އެފަދަ ނާވިލެއް ނޫނެވެ. އެކަމަކު ދޮންބީފާނު ވާހަކައަކީ ދިވެހީންގެ އެ ޒަމާނުގެ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތް އަދި ވަކީން ޚާއްޞަކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީހުންނާއި ދިވެހީންނާ އޮތް ގުޅުންތައް ކިޔައިދޭ ވާހަކައެކެވެ. މިފަދަ ވާހަކަތަކަކީ ޚިޔާލީ ވާހަކަތަކަށް ވިޔަސް ތާރީޚު ދިރާސާކުރާ މީހުންނަށް ބައެއް ފަހަރު ވަރަށް މުހިންމު އެއްޗެއްސަށް މިފަދަ ރިވާޔަތްތައް ވެއެވެ. މިހެން ވީއިރު ހާދިސާތައް ހިނގި އަހަރާއި މަހާއި ދުވަސް ބަޔާންކޮށްފައިވާ ޞަލާޙުއްދީނުގެ ބޮޑުތަކުރުފާނުގެ ވާހަކައަކީ ހަވާލާ ދެވޭ ތާރީޚީ މަސްދަރަކަށް ނުވާންވީ ކީއްވެގެންތޯއެވެ؟ ވަކިން ޚާއްޞަކޮށް ޞަލާޙުއްދީން ފަދަ އިތުބާރުކުރެވޭ ޢިލްމުވެރި އަދީބަކު ކުރައްވާފައިވާ ތާރީޚީ ޚިދުމަތަކަށް އިތުބާރު ނުކުރަންވީ ކީއްވެގެންތޯއެވެ؟
ޞަލާޙުއްދީން ލިޔުއްވި ބޮޑުތަކުރުފާނު ވާހަކައަކީ ތާރީޚީ، ޢިލްމީ ވަރަށް އަގުހުރި މަސައްކަތްޕުޅެކެވެ. މިއީ އިތުބާރުކުރެވޭ ތާރީޚުތަކެއް ބަޔާންކޮދީފައިވާ ތާރީޚީ ރިވާޔަތެކެވެ. ތާރީޚުތަކުގެ ސައްހަކަން ތާރީޚުގެ ޢިލްމުވެރީން ދިރާސާކުރަންވީއެވެ. ޞަލާޙުއްދީނުގެ ދިރާސާ އެ މަނިކުފާނު މި ވަނީ އެހެން މީހުންނަށް ދޫކުރައްވާފައެވެ. ތިރީގައި މި ވަނީ ޞަލާޙުއްދީނު ލިޔުއްވި ބޮޑުތަކުރުފާނު ވާހަކައިގައި ހިމަނުއްވާފައިވާ ބައެއް ތާރީޚު ތަކެވެ.
1. ހިޖުރައިން 548 (1153މ.) ވަނަ އަހަރު ދިވެހިރާއްޖެ އިސްލާމްވުން.
2. ހިޖުރައިން 898 (1493މ.) ވަނަ އަހަރު ކަޅުމުޙައްމަދު ރަސްގެފާނު އެންމެ ފުރަތަމަ ރަސްކަމަށް އިސްވެވަޑައިގަތުން.
3. ހިޖުރައިން 919 (1513މ.) ކަޅު މުޙައްމަދު ރަސްގެފާނު ޕޯޗުގީޒުން ރާއްޖެ ގެންނެވުން.
4. ހިޖުރައިން 871 (1467މ.) ހަދި ޙަސަން ރަސްގެފާނު އަވަހާރަވުން
5. ހިޖުރައިން 959 (1552މ.) ޙަސަން ރަސްގެފާނު މުރުތައްދުވުން.
6. ހިޖުރައިން 960 (1553މ.) ވަނަ އަހަރު ނުވަވަނަ ޙަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވައި ވަޑައިގަތުން.
7. 28 ރަޖަބު 965 (17 މޭ 1558) ގައި ޕޯޗުގީޒުން ދިވެހިރާއްޖެ ހިފުމަށް އައި
8. 1 ޝަޢުބާން 965 (19 މޭ 1558) އަލިރަސްގެފާނު ޝަހީދުކޮށް ޕޯޗްގީޒުން ދިވެހިރާއްޖޭގެ މައްޗަށް ގަދަވެގަތުން.
9. ހިޖުރައިން 971 (1563މ.) ވަނަ އަހަރުގެ ދިހަރޯދަ އީދު ދުވަހުގެ ފަހުރޭ ޢީދުވެދުމާ ދިއުމާމެދު އުތީމު ޙުސައިން ޚަޠީބު ތަކުރުފާނު އެ ތަކުނުފާނުގެ ތިން ފިރިހެން ދަރިންނާ މަޝްވަރާ ކުރެއްވުން.
10. 1 ޞަފަރު 971 (19 ސެޕްޓެންބަރު 1563) ވިޔަޒޯރު މާލެ ދިޔަ. މިދަތުރުގައި އުތީމު ތިންބެއިންކުރެ ބޭފުޅަކަށް ބައްޕާފުޅު ޙުސައިން ޚަޠީބު ތަކުރުފާނަށް އޮތް ކަތީބުކަން ދިނުމަށް އަނދިރިއަނދިރިނަށް ހުށަހެޅުން.
11. 22-23 ރަބީއުލްއައްވަލް 971 (9-10 އޮކްޓޫބަރު 1563) އުތީމު ތިން ބެއިންނަށް ކަތީބުކަން ދިންކަމުގެ ފަތްކޮޅު ހިފައިގެން ވިޔަޒޯރު އުތީމަށް ދިއިން.
12. 9 ޝަޢުބާން 975 (7 ފެބުރުވަރީ 1568) ދިވެއްސެއް ކަމަށްވާ ތުއްފާށާ ހަސަނު، އަނދިރިއަނދިރިންނާ ބައްދަލުކޮށް އުތީމު ތިންބޭންގެ ވާހަކައިން ދޭތެރެޖެއްސުން.
13. 18 ޝައްވާލު 975 އުތީމު ތިންބެއިންނާއެކު މާލެ ވަޑައިގަތުމަށް އަނދިރިއަނދިރިން ފޮނުވި ފަތްކޮޅު ވިޔަޒޯރަށް ލިބުނު
14. 25 ޞަފަރު 976 (19 އޮގަސްޓް 1568) ބާރަށުގެ ޚަބަރުތައް (ކަނބާ އައިސާ ޝަހީދުވެ، ތުއްފާށާ ހަސަނު މަރުވި ވާހަކައާއި، ވާރުގެ ވެއްޓުނު ވާހަކަ ފަދަ ޚަބަރުތައް) ހިފައިގެން އޮޑިއެއް މާލެއައުން.
15. 30 ޞަފަރު 981 (1 ޖުލައި 1573) އިސްލާމް ދީން ދޫކޮށް ކްރިސްޓިއަންދީނަށް ދިވެހީން ވަނުމަށާއި އެގޮތަށް ކަންތައް ނުކުރާ މީހުންނާމެދު ކަންތައްކުރާނެ ގޮތުގެ އަމުރެއް އަނދިރިއަނދިރިން ނެރުން.
16. 1 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ބޮޑުތަކުރުފާނު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތްކޮށް މިނިވަންކޮށް ދެއްވުން.
17. 2 ޖުމާދަލްއައްވަލް 981 (1 ސެޕްޓެންބަރު 1573) ކަޅުއޮށްފުންމީގައި ބޮޑުތަކުރުފާނު ހުވަދުއަތޮޅަށް ފުރާވަޑައިގަތުން.
18. 1 ރަމަޟާން 993 ގައި ބޮޑުތަކުރުފާނު އަވަހާރަވުން.
19. 28 ސައްވާލު 1017 (1608) ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނު ރަސްކަމުގައި ހުންނަވަނިކޮށް ހޮޅީން ބަޔަކު ދިވެހިރާއްޖެ އައިސް އެ ރަދުން ޝަހީދުކުރުން.
ދޫދޫމަތިން ކިޔަމުން އަންނަ ބޮޑުތަކުރުފާނުގެ ވާހަކައަކީ ކަތާ (ފޯކުލޯރު) އެކެވެ. ފޯކުލޯރަކީ ތާރީޚީ ގޮތުން ކޮންމެވެސް ވަރެއްގެ ބުރަދަނެއް ދެވުނަސް، އަސްލު ވާހަކަ ސާފު ނުވާވަރަށް އުނިއިތުރު ގެނެސްފައި ހުންނަ ރިވާޔަތްތަކެވެ. ބުރާރަ މުޙައްމަދުފުޅު ކިޔުއްވިގޮތަށް ލިޔެފައިވާ ވާހަކައަކީ މީގެ މިސާލެކެވެ. މި ވާހަކައާ ޚިލާފަށް ޞަލާޙުއްދީނު ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކައަކީ ޢިލުމީ ބެލުންތަކެއްގެ އަލީގައި ލިޔުއްވާފައިވާ ތާރީޚީ ރިވާޔަތެކެވެ. "ބޮޑުތަކުރުފާނު ވާހަކަ" ކިޔަސް މިއީ ތާރީޚީ މަސްދަރެކެވެ. ބޮޑުތަކުރުފާނު ވާހަކައިގެ ފެށުމުގައި ޞަލާޙުއްދީން ލިޔުއްވާފައި ވެއެވެ. "ކީރިތި މަހާރަދުންނޭވެ. ނިކަމެތި އަޅާ މިކުރާ ކަންތަކީ މަހާރަދުންގެ ނަންފުޅުގެ މައްޗަށް ކުރާ ޚިދުމަތެއް ކަމުގައި ޤަބޫލު ކުރެއްވުމާއި މި އަޅާގެ ގަލަމަށް މަހާރަދުންގެ މާތް ކަމާއި އެހީތެރިކަމުގެ މަދަދު ދެއްވުންއެދި ހުރީމެވެ."
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment