ހދ. ކުޅުދުއްފުށީގެ ޕޯޓުން މިހާރު ދޭ ޚިދުމަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ތެރެއިން، އެ ޕޯޓުގައި އިތުރު މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ފެށުން މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. މިއީ މި އަހަރު މޭގައި އިކޮނޮމިކް މިނިސްޓްރީ އާއި އެމް.ޕީ.އެލް އާ ދެމެދު ސޮއިކުރި ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އިފްތިތާޙްކުރި ޚިދުމަތްތަކެކެވެ.

މި ޚިދުމަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް، އަދި އަސާސީ މުދާ، ޑިއުޓީ ނުދައްކާ ރައްކާކުރުމަށް ބޮންޑެޑް ސަރަޙައްދެއް ޤާއިމުކުރުމާއި، ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ ޓޫރިސްޓު ރިޒޯޓުތަކަށް ޢަމާޒުކޮށްގެން ތަޢާރުފުކުރި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، އަތޮޅު ތެރޭގައި މުދާ ޑިސްޓްރިބިއުޓްކުރުމަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތަޢާރުފުކުރި ޑޮމެސްޓިކް ވިޔަފާރިވެރިންނަށް މުދާ ބޭލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދެއް ހުޅުވިގެންދިއުން ހިމެނެއެވެ. އޭގެ އިތުރުން، ޢިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކުކޮށް ރައްކާކުރުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއް ޤާއިމްކުރުން ވެސް ހިމެނެއެވެ.
"މި ޚިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ކުރަންޖެހޭ ހޭދަ ދަށްކުރެވި، ބާޒާރުގެ އަގުތައް ހަމައަކަށް އެޅުމަށް މަގުފަހިވެ، އަދި އުތުރުގެ އަތޮޅުތަކުގެ ޢާއްމު ފަރުދުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް ތަރައްޤީކުރުމަށާއި އިޤްޠިޞާދީ ވިލުންވެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ތަޞައްވުރަށް ވާޞިލްވުމަށް މަގުފަހިވެގެންދާނެއެވެ." އެމް.ޕީއެލްގެ ބަޔާނެއްގައި ބުންޏެވެ.
"ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަޙައްދު ފުޅާކޮށް އިތުރަށް ތަރައްޤީކުރުމެވެ. މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، އިފްތިތާޙު ކުރެވިގެން ދިޔަ ޚިދުމަތްތައް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ސިފަކުރެއްވީ، ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމަށް މަގުފަހިކުރުވާ، އިޤްޠިޞާދީ ނަފާ ފޯރުކޮށްދިނުމުގައި ހަމަހަމަކަމުގެ މިންގަނޑުތަކެއް ގެންގުޅުމަށް ބާރުއެޅިގެންދާ، އަދި ލާމަރުކަޒީ ދައުލަތެއްގެ ސިފަތައް ހަރުދަނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ."
އެމް.ޕީއެލް އިން އަދި ބުނީ މި ޚިދުމަތްތަކަކީ "ތިލަދުންމަތީ އަދި އުތުރުގެ އެހެނިހެން ސަރަޙައްދުތަކުގެ ތަރައްޤީގައިވެސް ކުޅުދުއްފުށި ސިޓީން އަދާކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީ، ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ޙަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިއްމު މަޝްރޫޢެއް" ކަމަށެވެ.



advertisment

