ބޮޑު މަސައްކަތެއް ކުރުމަށް ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިންވާލައިގެން މިއަދު ކުރަމުންދިޔަ މަސައްކަތް، ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމައި މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމު ހާލަތަކަށް ގެނައުމުން އެ މަސައްކަތް ކުރި ޓީމަށް ސްޓެލްކޯގެ އެމް.ޑީ ހުސެއިން ފަހުމީ ތައުރީފު ކުރައްވައިފިއެވެ.
ފަހުމީ އެކްސްގައި ވިދާޅުވީ ތާވަލުކުރި ގަޑީގެ މާކުރިން މަސައްކަތް ނިންމައި އަލުން ކަރަންޓު ދޫކުރެވުނީ ސްޓެލްކޯގެ "ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން" ކަމަށެވެ.
މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ "މުހިންމު މޭޖަރ މަސައްކަތެއް" ކުރުމަށް، މިއަދު ހެނދުނު ހަޔަކުން އެ އިންޖީނުގެ ނިއްވައިލި އެވެ. ނަމަވެސް، މަސައްކަތް އަވަސްކޮށް، ގިނަ އިރުތަކެއް ނުވެ ވަނީ އަލުން ކަރަންޓު ދީފައެވެ.
މަސައްކަތު ޓީމަށް ފަހުމީ ތައުރީފު ކުރެއްވީ އެ ޓީމާއެކު ނަންގަވައިފައިވާ ފޮޓޯއެއްވެސް ޕޯސްޓް ކުރައްވަމުންނެވެ.
"ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ވަނީ ކާމިޔާބުކަމާއިއެކު ނިންމާލެވިފައި. މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ގެ ކުރިން މި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން. މީގެ އިތުރުން މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެމުވައްޒަފުން ކިބައިގައި ހުރުމުން. އެހެންކަމުން މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހާ ކަސްޓަމަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.



advertisment

