ބޮޑު މަސައްކަތެއް ކުރުމަށް ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ މާދަމާ ހެނދުނު ހަތަރު ގަޑިއިރަށް ނިއްވާލާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ "މުހިންމު މޭޖަރ މަސައްކަތެއް" ކުރުމަށް، މާދަމާ ހެނދުނު ހަޔަކުން 10 އަށް އެ އިންޖީނުގެ ނިއްވާލުމަށް ނިންމައިފައިވާ ކަމަށެވެ.
"މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ. މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ އަންގަމުންދާނެއެވެ." ސްޓެލްކޯ އިން ބުންޏެވެ.
"އެހެންނަމަވެސް، ޚިދުމަތް މެދުކެނޑޭ ސަރަޙައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ޚިދުމަތްތައްދޭ މުއައްސަސާތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) އަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެއެވެ. މި ކުންފުނީގެ އަމާޒަކީ މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ޚިދުމަތް ގެނައުމެވެ. މިއީ ކުރިއަށް އޮތް ތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލައި ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝަރއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އިޚްލާސްތެރިކަމާއެކު މަޢާފަށް އެދެމެވެ."



advertisment

