އެސްޓީއޯއާއު މަކިޓާގެ 25 އަހަރުގެ ގުޅުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ކުރުނބާ މޯލްޑިވްސްގައި ރޭ އޮތް މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މި ހަފުލާގައި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމާއި މަކިޓާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަފްލާގައި މަކިޓާގެ އައު ޓޫލްސްތައް ތައާރަފްކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރެވޭ ގޮތް ބައިވެރިންނަށް ވަނީ ދައްކާލައިފައެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލޮއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން ވަނީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލައި، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ވިދާޅުވިއެވެ. ހަމަ އެއާއެކު، އެސްޓީއޯ މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯ މަކިޓާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް މި ހަފްލާގައި ވަނީ ދީފައެވެ. އޭގެ ތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވަރސަލް ހޯކްސް، އަލިއާ ކޮންސްޓްރަކްޝަންސް، އެސްޖޭ ކޮންސްޓްރަކްޝަންސް ފަދަ ފަރާތްތައް ހިމެނެއެވެ.
މި ހަފްލާ ނިންމާލުމުގެ ގޮތުން، މަކިޓާގެ ޑިރެކްޓަރ، ކޯޕަރޭޓް އޮފިސަރ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއަރޓަރ، އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވާހަކަފުޅު ދެއްކެވިއެވެ. އެބޭފުޅުން ވަނީ މަކިޓާއާއި އެސްޓީއޯއާ ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވިއެވެ. ހަމަ އެއާ އެކު މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އައިސަފައިވާ ހެޔޮ ބަދަލުތައް ސަފީރު ފާހަގަ ކުރެއްވިއެވެ.



advertisment

