ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން "ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރުމަށް އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަސްބާހް އަލީ ނަސީރެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނައީމާއި ސީއީއޯ ފަހިޔަސް ޕަންގަޓްގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ.
ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ހުޅުމާލޭގައި ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދައިފައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް "މެންހަޓަން ގްރޭންޑ ހޮޓެލް"ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކު ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.
"މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މިތަންތަން ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައެވެ." އެޗް.ޑީ.ސީން ބުނެއެވެ. "އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑަޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ."



advertisment

