ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ. މިނިސްޓްރީގެ ފަރާތުން، މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި އެއްބަސްވުމުގެ ދަށުން 71 ރަށެއްގައި ޖިމް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެއެވެ. އެގޮތުން، ބައެއް ރަށްތަކަށް އައުޓްޑޯ ޖިމް ސަޕްލައިކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތާއި މަރާމާތުކުރަން ޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
"އެޗްޑީސީގެ އަމާޒަކީ، ސަރުކާރުގެ މި ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށް އޮތް ތަނުގައިވެސް މުޖްތަމައުއަށް ފައިދާ ހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށްގެންދިއުމެވެ." އެޗްޑީސީގެ ބަޔާނެއްގައިވެއެވެ.



advertisment

