ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު އއ. މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އިން އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މިއާއެކު ގައުމީ ބޭނުންކުން ވަނީ އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.
މާޅޮހުގެ އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިއަދު ގާއިމުކުރެވުމާއެކު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މި ވަނީ ގާއިމްކޮށްފައި ކަމަށާއި "މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފަސޭހައިން ބީއެމްއެލްގެ ޚިދުމަތް ހޯދޭނެހެން ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ އަޒުމުގައި ވަރުބަލިކަމެއް ނެތި،" ޝަރީފު ވިދާޅުވިއެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 200 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީއެމްއެލްގެ ބަޔާނެއްގައި ބުންޏެވެ.



advertisment

