Support Us

މާލީ ދާއިރާ ހަރުދަނާކުރުމަށް ބީ.އެމް.އެލް- ސީ.އޭ.އެމް އެއްބަސްވެއްޖެ

އެކައުންޓިން އަދި މާލީ ދާއިރާ ހަރުދަނާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ.އެމް) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. ސީ.އޭ.އެމްގެ ފަރާތުން، ރައީސް މުހައްމަދު ހަލީމު އަބްދުﷲ އެވެ.

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އާއި ސީ.އޭ.އެމް ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމާއި ގަވާއިދުތައް އެކުލަވައިލުމާއި ދާއިރާގެ ފަންނުވެރީންގެ ގާބިލުކަން އިތުރުކުރުމާއެކު އެކައުންޓިން އަދި އޮޑިޓިން ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މި އެއްބަސްވުމަކީ މުޅި ޤައުމުގައި އެކައުންޓިން އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ސީއޭ މޯލްޑިވްސްއާއެކު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކާއެކު އަޅުގަނޑުމެންގެ މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން،" ޝަރީފް ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ބޭނުމަކީ އެކައުންޓިން އަދި މާލީ ދާއިރާގައި ހުނަރާއި މައުލޫމާތާއި އަދި އަހުލާގީ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުމެވެ. ބީއެމްއެލްއިން އަންނަނީ މުޅި ގައުމުގެ ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިވެދިނުމަށް ފަރުމާކުރެވިފައިވާ އެއްބަސްވުންތަކާއި މަޝްރޫއުތައް ހިންގަމުންނެވެ." ބީއެމްއެލްގެ ބަޔާނެއްގައި ވެއެވެ.

"ފާއިތުވި އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ފޯރަމްގެ މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *