މި އަހަރާއި އަންނަ އަހަރަށް ބ. ކިހާދޫގައި ހިންގެވުމަށް ނިންމަވާފައިވާ ތަރައްޤީގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށު ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.
ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ކިހާދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރައްވާފައެވެ.
މިއަދު ސޮއިކުރެއްވި، ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ، ސައިންސް ލެބާއި އެނޫންވެސް ވަޞީލަތްތަކާއެކު، ރައްޔިތުން އެދޭ ފެންވަރަށް ސްކޫލް ތަރައްޤީކުރެވޭނޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ނިމުމާއެކު ރަށުގެ ތަޢުލީމީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކުރި ކަމުގައި ވީނަމަސް، އެ މައްސަލަ ޙައްލުކުރަން އިތުރު މަސައްކަތްތައް ކުރަން އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން، ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރަށް ބަޖެޓުކުރައްވާނޭ ކަމުގެ ޚަބަރުވެސް މިއަދު އެ މަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ކިހާދޫ އިންޖީނުގެ ހުރި ތަން ބަދަލުކުރުމުގެ މަސައްކަތާއި، ފެނަކައިގެ އާ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާ އިން ތާވަލުކުރެވިފައި ހުރި މަސައްކަތްކަށް އިޝާރާތްކުރައްވަމުން، މި އަހަރު އެ ރަށަށް އެމްބިއުލާންސް ހޯއްދަވައިދެއްވައި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު އަންނަ އަހަރު ކުރިއަށްގެންދަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދަވާނޭ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ކިހާދޫގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.



advertisment