މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑާއި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޓިކެޓު ބުކްކުރާއިރު އަންނަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައިޑީކާޑު ނުވަތަ ޕާސްޕާޓު ކޮޕީއެއް ބޭނުންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް، އެ މައުލޫމާތުތަކުގައި މައްސަލައެއް އުޅޭ ނަމަ cc@iasl.aero ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާ ކުރެވޭނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ރާއްޖޭގެ 18 އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރާ އައިލެންޑް އޭވިއޭޝަނުން ބުނީ ޓިކެޓު ބުކިން ޕްރޮސެސް އަށް ބަދަލުތަކެއް ގެނައީ "ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކުރުމާއި ފަސޭހަކޮށްދިނުމަށް" ކަމަށެވެ. ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.



advertisment

