Support Us

ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ތިންދުވަސް ވަންދެން ޤައުމީ ދިދަ ބައިދަނޑިއަށް

ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ބިނާކުރަނިވި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ޙަސަން ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި ޙަސަން ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤްތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.

ނޮވެންބަރު 11، 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލެއްވުމަށް ކަމަށްވާތީ، "ނޭޝަނަލް ޕްލޭނިންގ އޭޖެންސީ"ގެ ނަމުގައި އޮފީހެއް އުފައްދަވައި، އެ ތަނަށް ޤާބިލް މީހުން ހަމަޖެއްސެވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. އެގޮތުން، އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަގާމަށް ޙަސަން ޞާބިރު ހަމަޖެއްސެވީ، 16 ޑިސެންބަރު 1978 ގައެވެ.

އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދެވުމަށްޓަކައި 1979 ވަނަ އަހަރުގެ އޮގަސްޓު މަހު ޙަސަން ޞާބިރު އެމެރިކާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި، 1985 ވަނަ އަހަރުގެ ބޯހިމެނުމަށް ތައްޔާރުވުން ހިމެނެއެވެ. ރާއްޖެއަށް ފުރަތަމަ ގެނެވުނު ކޮމްޕިއުޓަރު ގެނެވުނީ، އެ މަސައްކަތަށްޓަކައެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ، ހަމައެކަނި ދިވެހީންނަށް އިސްކަން ދެއްވައިގެން ފެށްޓެވި އެ ޕްރޮޖެކްޓްގެ އިސް މޭސްތިރިޔަކަށް ހަމަޖެއްސެވީ، ޙަސަން ޞާބިރު ކަމެވެ.

ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކުރައްވައި ހިންގެވުމުގެ ޒިންމާދާރު ޚިދުމަތްތެރިއެއްގެ ގޮތުގައި ޙަސަން ޞާބިރު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، އެ މަނިކުފާނު

އޮގަސްޓު 26، 1993 ގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނާއިބު ކަމުގެ މަގާމަށް ޢައްޔަންކުރެއްވިއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ ހަތަރު ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޢައްޔަންކުރެއްވީ، ޙަސަން ޞާބިރެވެ. އެ މަގާމުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް ޙަސަން ޞާބިރު ކޮށްދެއްވީ މަތިވެރި ޚިދުމަތްތަކެކެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި، 1500 ޓަނުގެ މަސްފިނި ކުރެވޭ ކާރުޚާނާއެއްގެ ބިންގާ،

ގއ. ކޫއްޑޫގައި އަޅުއްވައިދެއްވުމާއި، ރާއްޖޭގައި އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ހިމެނެއެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި، އާންމު ފަރާތްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެށްޓެވީ، ޙަސަން ޞާބިރުގެ ވަޒީރު ކަމުގައެވެ.

ރައީސް މައުމޫން ފެށްޓެވި ރިޔާސީ ފަސް ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޙަސަން ޞާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް ޢައްޔަންކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. އެ މަނިކުފާނުގެ ވަޒީރުކަމުގައި އިތުރު ކެޕޭސިޓީ ބިލްޑް ކުރެއްވުމަށާއި، "ސަނީ ސައިޑް އޮފް ލައިފް"ގެ މޮޓޯގެ ދަށުން ކުރެއްވި އަގުހުރި ޚިދުމަތް ފާހަގަކޮށްލަން ޖެހެއެވެ. ސާސް ރޯގާއާއި، ނައިން އިލަވަންގެ ހާދިސާއާއި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެރި ލޮޅުންތަކުގައި، ޙަސަން ޞާބިރުގެ ޙިކްމަތްތެރިކަމާއި، ހަރުދަނާ ވިސްނުންފުޅުގެ ފުރިހަމަކަން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރީ، ޝުކުރާއި ތަޢުރީފު ޙައްޤުވާ މިންވަރަށެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން އިޝްތިހާރު ކުރައްވައި، ބޭރުމީހުން ރާއްޖެއަށް ޝައުޤުވެރިކުރުވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާންކޮށްލަން ޖެހެއެވެ.

ރައީސް މައުމޫންގެ ރިޔާސީ ހަ ވަނަ ދައުރުގެ ކެބިނެޓުގައިވެސް ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ޙަސަން ޞާބިރު ޢައްޔަންކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، ޙަސަން ޞާބިރުގެ ޚިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. އަދި 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭރުގެ އެހީ ހޯއްދެވުމަށްޓަކައި ޙަސަން ޞާބިރު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ވަރަށް މުހިއްމު މަސައްކަތްޕުޅުތަކެކެވެ.

ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް 31 އޮކްޓޫބަރު 2007 ގައި ޙަސަން ޞާބިރު ޢައްޔަންކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް