ކަުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ގެ ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުއްވައިފިއެވެ.
މި ޢިއްޒަތް އެ މަނިކުފާނަށް އެރުއްވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މުޢުތަޞިމް ޢަދުނާނަކީ، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޤާނޫނީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުން ހިމެނެއެވެ. އެ މަނިކުފާނަކީ، ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި އެ މަނިކުފާނު ހޭދަކުރެއްވި މުއްދަތުގައި ފަނޑިޔާރުގޭގެ ޢަދުލު އިންޞާފުގެ ކަންކަން އިހަށްވުރެ ހާމަކަންބޮޑު ގޮތެއްގައި ކުރިއަށްގެންދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ފެށްޓެވިއެވެ. މީގެ އިތުރުންވެސް، ފަނޑިޔާރުގޭގެ ގިނަ ޚިދުމަތްތަކަކަށް ޒަމާނީ ކުރިއެރުންތަކެއް އެ މަނިކުފާނު ވަނީ ހޯއްދަވައި ދެއްވައިފައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ޙުކޫމަތު ނެގެހެއްޓެވުމަށްޓަކައި ވަރުބަލިފުޅުކަމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނަކީ ފަނޑިޔާރުންގެ ޤާބިލުކަން އިތުރުކުރެއްވުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ.
މުޢުތަޞިމް ޢަދުނާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔަރ ކުރެއްވީ، މި ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ރިޓަޔަރ ކުރެއްވިއިރު، ޚާރިޖީ ދާއިރާގައި 10 އަހަރު، ފެކަލްޓީ އޮފް ލޯގެ ޑީން ކަމުގައި ހަތަރު އަހަރާއި ހަ މަސް ދުވަހު، ފަނޑިޔާރުކަމުގައި ނުވަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އަދި މިއާއެކުގައި ޤާނޫނީ ދާއިރާއަށް 33 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައިވެއެވެ.



advertisment