Support Us

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު ޤާސިމް އިބްރާހީމަށް

 

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ގެ ލަގަބު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަރުއްވައިފިއެވެ

ކުރިން ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް އަރުވައިފައިވާ ޤާސިމަށް ދެ ވަނަ ލަގަބު އެރުއްވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޤާސިމް އިބްރާހީމް އަބަދުވެސް މަސައްކަތް ކުރައްވަނީ، ކުރައްވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ވަޑައިގަތުމަށެވެ. އުމުރުފުޅުން 26 އަހަރުގައި އަމިއްލަފުޅު ގޯތި، ބޭންކުގައި މޯގޭޖް ކުރައްވައި، 15,000ރ. ރުފިޔާގެ ލޯނެއް ނަންގަވައިގެން، ތ. އަތޮޅުފިހާރައިގެ ހުޅަނގު ބައިގައި 1976ވަނަ އަހަރުގެ ތެރޭގައި، ޤާސިމްގެ ވިޔަފާރީގެ ބިންގާ އެޅުއްވިއެވެ. އެހިސާބުން ފެށިގެން ފަސްޖެހިވަޑައިގަތުމެއްނެތި، ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވީއެވެ.

ޤާސިމް އިބްރާހީމަކީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިއަދު ޤާސިމް އިބްރާހީމަކީ، ރާއްޖޭގެ ރިޒޯޓް އޯނަރުންގެ ތެރެއިންވެސް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޤާސިމް އިބްރާހީމަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޤާސިމް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ.

ޤާސިމް އިބްރާހީމަކީ، ދައުލަތުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ކެބިނެޓުގައި ފިނޭންސް އެންޑް ޓްރެޜަރީ މިނިސްޓަރުކަން އަދި ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރު އެ މަނިކުފާނު ހުންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައިވެސް މެއެވެ. މީގެއިތުރުން، މަގާމުގެ ހައިސިއްޔަތުން ވާރލްޑް ބޭންކާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ގަވަރުނަރު ކަމުގެ މަގާމުވެސް ޤާސިމް އިބްރާހީމް ވަނީ ފުރުއްވައިފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ޤާސިމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީވެސް ހަނދާންކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ އިޞްލާޙީ އެޖެންޑާގެ ދަށުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފެށްޓެވިއިރު، ޤާސިމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފަކީ، ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައި ނިންމެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމް އިބްރާހީމް އިންނަވައިގެންނެވެ.

ޤާސިމް އިބްރާހީމަށް 2013ވަނަ އަހަރު، ދިވެހި ދައުލަތުން ވަނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ.) އަރުވައިފައެވެ. ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ޤައުމީ ޚިދުމަތުގެ އިނާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޓޫރިޒަމްގެ ރޮނގުން 1995ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން 2007ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް