ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.
މިރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. ބޮޑުވަޒީރު މޯދީއަށް މަރްޙަބާ ދެންނެވުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ.
މި ރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ބޮޑުވަޒީރު މޯދީއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި އިންޑިއާ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް އޮތެވެ.



advertisment