Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: މާޒީވެ ދިޔަހާ ތަނުން- 2

ދަރިން ތަރުބިއްޔަތުކުރުން

"ތަރުތީބު މަގުން ތަރުބިއްޔަތުކޮށް, ދަރިފުޅު ހާނާނީ މަންމައޭ" މަރުހޫމު ޖޭމު ދޮންކަމަނަގެ އަޑެވެ. ރޭޑިއޯއިން އެ ލަވަ އަންނަން ފެށުމުން ހިތަށް ވެރިވެގެންދިޔައީ މުޅީން އެހެން ކަހަލަ ހަނދާންތަކެކެވެ. މާޒީގެ ސޮފުހާތައް ހުޅުވި، ވެރިވާންފެށީ ތަފާތު އިހުސާސްތަކެކެވެ.

ކުޑަކުދިންގެ ތަރުބިއްޔަތުގައި ހުރިހާ ފަރުދުންވެސް ދައުރެއް އަދާކުރެއެވެ. ކުޑަކުއްޖަކު ކަންކަން ދަސްކުރަނީ ހަމައެކަނި އެ ކުއްޖާގެ ގޭތެރޭގެ މާޙައުލަކުން ނޫނެވެ. ނުވަތަ އެ ކުއްޖާ މުނިފޫހިފިލުވަން ބަލާ ޕްރޮގްރާމަކުން ނޫނެވެ. ނުވަތަ ދާ ސްކޫލެއްގައި ކިޔަވައިދޭ އެއްޗަކުން ނޫނެވެ. ކުޑަކުއްޖާގެ ސިކުނޑިއަކީ އުފެދުމުގައި ވަރަށް ތަނަވަސްކަމާއެކު ހުޅުވިފައިވާ ސިކުނޑިއެކެވެ. އުފެދުމުގައި މި ސިކުނޑިތައް ހުންނަނީ އެ ކުދިންގެ ވަށައިގެންވާ ހުރިހާ ވެއްޓަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ޕްރޮގްރާމްވެގަންނަން ތައްޔާރަށެވެ. ދިރިއުޅުމުގެ މަރުޙަލާގައި ވާ ކަންކަން އެނގި، އެއްކަމަކާއި އަނެއްކަމަކާ ގުޅުވައިދޭ މަގުތައް ކެނޑެން ފަށަނީ އެ ކުއްޖާއަށް ފެނި، އިވޭ އެއްޗެހީގެ މައްޗަށެވެ. އެހެންކަމުން ކުޑައިރުގައި ކުއްޖާއަށް ލިބޭ ހުރިހާ ތަޖުރިބާއަކީވެސް ވަރަށް ވަރުގަދަ މުދައްރިސުންނެވެ.

އެންމެ ގިނައިން ކުއްޖާއަށް އެއްޗެތި ދަސްވާ އެއްގޮތަކީ ކައިރީގައި އުޅޭ އެހެން މީހުން ކުރާ ކަންކަން ބަލައި، އެ މީހުން ހަދާ ގޮތްތައް ނަކަލުކޮށްގެންނެވެ. ނަކަލުކުރުމުގެ ޤާބިލުކަމަކީ އިންސާނުންގެ ކިބައިގައި ލައްވަވައިފައިވާ އެންމެ މުހިންމު އެއް ސިފައެވެ. އެހެން މީހުންގެ ޢަމަލުތައް ބަލައިގެން ދަސްކުރުމުގެ ޤާބިލުކަން ނެތްނަމަ، މުޖުތަމަޢުގައި އުޅުމަށް ބޭނުންވާ އާދަކާދަތަކާއި ހުނަރުތައް، އަދި މުޖުތަމަޢު އެދޭ ގޮތްތައް ދަސްވުމަކީ ދަތިކަމަކަށް ވާނެއެވެ. މި ޤާބިލުކަން އަޅުގަނޑުމެންނަށް ލިބިފައި ހުރުން މިއީ އިންސާނުންގެ ނަސްލު މިހާ ޒަމާންވަންދެން ދެމިއޮތުމުގެ އެންމެ ބޮޑު އެއް ސިއްރުކަމާ މެދު ޝައްކެއް ނެތެވެ.

މިފަދައިން ކައިރީގައި އުޅޭ މީހުންގެ ޢަމަލުތައް ބަލައިގެން ދަސްކުރާއިރު، އެކި އުމުރުގައި ވަކި ޚާއްޞަ ފަރާތްތަކެއްގެ ޢަމަލުތަކަށް ކުދިން އިތުރު ސަމާލުކަމެއް ދެއެވެ. އެންމެ ކުޑައިރުގައި އެންމެ ގިނަ ކަންތައް ދެނެގަންނަން ނަމޫނާއެއްގެ ގޮތުގައި ނަގަނީ މައިންބަފައިންނާއި ގާތުގައި އުޅޭ މީހުންނެވެ. ބޭރުތެރެއަށް ދިޔުމުން އެ ކުއްޖާއާ އެއް ޖިންސުގެ މީހުން ކުރާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ފަށައެވެ. ފަހުން، ކިޔަވާ އުމުރަށް އަޅާ ހިސާބުން، ރަޙްމަތްތެރިންގެ ކިބައިން ކަންކަން ދަސްކުރުމަށް ސަމާލުކަން ދޭން ފަށައެވެ.

މިގޮތުން ކުޑަކުދިން ދަސްކުރާ ކަންކަމުގެ ތެރޭގައި އެހެން ކުދިންގެ ކިބައިން ދަސްކުރެވޭ ބައެއް ކަންކަމަކީ ކުއްޖާއަށް ފައިދާ ހުރި ކަންކަން ކަމުގައިވިޔަސް، އަނެއްބައި ކަންކަމަކީ ކުއްޖާގެ ކިބައިގައި ހަރުލައިފިނަމަ ނޭދެވޭ އަސަރުކޮށްފާނެ ކަންކަމެވެ. އެހެންކަމުން، ކުއްޖާގެ ކިބައިގައި އަށަގަންނަ މިފަދަ ކަންކަން ދެނެގަނެ، ނޭދެވޭ ކަމެއްނަމަ ވަގުތުން ފިޔަވަޅުއަޅައި އިޞްލާޙުކުރުމަކީ ކުއްޖާގެ މައްޗަށް ބާރުފޯރުވޭ މަގާމުތަކުގައި ތިބޭ މީހުންގެ މައްޗަށް އޮންނަ ވަރަށް ބޮޑު ޒިންމާއެކެވެ. ޚާއްޞަކޮށް މައިންބަފައިންގެ ދައުރު މިކަމުގައި ވަރަށް ބޮޑެވެ.

ތިރީގައި އެވަނީ މީގެ 66 އަހަރު ކުރީގައި ހިނގައިފައިވާ ހަގީގީ ހާދިސާއެކެވެ.

"އަހަރެންގެ ހަނދާނުން ދުވަހަކުވެސް އެދުވަސް ފިލައިގެނެއް ނުދާނެއެވެ. އޭރު އަހަރެންގެ އުމުރުން އަށް އަހަރެވެ. އެއީ ރޯދަމަހެއްގެ މެންދުރެވެ. އަހަރެންގެ މަންމައާއި ބައްޕަ ތިއްބެވީ ގޯތިތެރޭގައި އެލުވައިފައިވާ ބޮޑު އުނދޯލީގައި މެންދުރު ނަމާދަށްފަހު ޤުރުއާން ކިޔަވާށެވެ. ފޫހިވެގެން އަހަރެން އިނީ އެ އުނދޯލި ކުރިމަތީގައި، ގޯތިތެރެއަށް އަޅައިފައިވާ ކަށިވެލީގައި އިނގިލިން އެއްޗެހި ކުރަހާށެވެ.

ކުއްލިއަކަށް އަހަރެންގެ ރަޙްމަތްތެރިން މަދަރުސާގެ ފާރުތަކުގައި ކުރަހާ އެއްޗެއް ހަނދާނަށް އައެވެ. އެއީ ތިނެސްކަނަށް ރޮނގު ދަމައި މެދުގައި ތިތްކެއް ޖަހައިފައިވާ އެއްޗެކެވެ. އަހަރެންނަކަށް އެއީ ކޯންޗެއް ކަމެއްވެސް ނޭނގެއެވެ. އެހެންކަމުން އެއްވެސް ޖެހިލުމެއްނެތި އޭތި ވެލީގައި ކުރަހާލީމެވެ.

އެތަން ފެނުމާއެކު އަހަރެންގެ މަންމަ އިންތަނުން ތެދުވެ، ކައިރީގައި އޮތް އިލޮށިފަތި ނަގައި އަހަރެންގެ ގައިގައި ތަޅައިގަތެވެ. އަހަރެން މަންމައަށް އަތުނުވާން ދުވަން ފެށުމުން އަހަރެންގެ ފަހަތުން މަންމަވެސް އިލޮށިފަތި އުކަމުންއުކަމުން އައެވެ. ރޮމުންރޮމުން ދެވޭނުދެވޭ ތަނެއް ނޭނގި ދުވަމުން ގޮސް ގޭގެ އުވަ ނުޖަހައި ހުރި ފާރަށް މުޑިއަށް އަރައި ބޯފަޅައިގެން ދިޔައެވެ.

އަހަރެންނަށް އެދުވަހު އެ ކުރެހުނީ މައިންބަފައިންގެ ކުރިމަތީގައި ކުރަހަން ލަދުވެތިވާންޖެހޭ އެއްޗެއްކަން އެނގުނީ މާ ފަހުންނެވެ. ޚާއްޞަކޮށް ރޯދަމަހު ރޯދައަށް އެމީހުން ތިބެ ޤުރުއާން ކިޔަވަމުންދިޔަ ވަގުތެއްގައި ކުރަހަން ހެޔޮވާވަރުގެ އެއްޗެއް ނޫންކަން އެނގުނީމާ ވަރަށް ލަދުގަތެވެ." – (އ.ވ. ފިރިހެން 1951)

މި މީހާގެ ތަޖުރިބާއިން އޭރު ދަރިން މައިންބަފައިންގެ ކުރިމަތީގައި ގެންގުޅެންޖެހޭ ލަދުވެތިކަމުގެ މިންގަނޑާއި މިހާރު ގެންގުޅޭ މިންގަނޑުގެ ތަފާތު ދޭހަވެއެވެ. މިހާރު ކުދިންނަށްވެސް އެ ކުދިންނަށްވުރެ ބޮޑެތި މީހުންނަށް އިޙްތިރާމުކުރަން ޖެހޭކަން އެނގެއެވެ. ނަމަވެސް ކުދިން ލައްވާ އެކަން ކުރުވުމަށް ބޮޑަށް ތިބޭ މީހުން ބާރުއަޅާ ގޮތާއި ބާރުއަޅާ އުސޫލުތައް ވަރަށް ތަފާތުވާނެއެވެ.

އެ ދުވަހު، މައިންބަފައިންގެ ކުރިމަތީގައި ކުރަން ލަދުގަންނަންޖެހޭ ކަމެއްކަން އަންގައިދިނުމަށް މަންމަ ޢަމަލުކުރި ގޮތަށް މި ޒަމާނުގައި އެހާ ތަރުޙީބެއް ނުލިބޭނެއެވެ. ޖިސްމާނީގޮތުން ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބޭނެ ގޮތަކަށް ޢަމަލު ބެހެއްޓުމަކީ މި ޒަމާނުގައި މައިންބަފައިން ކުށްވެރިވާ ޒާތުގެ ޢަމަލެކެވެ.

ނަމަވެސް އޭރު މައިންބަފައިން އެންމެ ބޮޑު އަހައްމިއްޔަތެއް ދެނީ، މައިންބަފައިންނަށާއި ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ ދަރިންތަކެއް މުޖުތަމަޢަށް ނެރުމަށެވެ. ތިމާއަށްވުރެ ދޮށީ މީހުންނަށް އިޙްތިރާމުނުކުރާ މުޖުތަމަޢެއްގެ ފޭރާން ކިތަންމެ ފެންނަ ފެނުމަށް ރީއްޗަސް އެ ފޭރާމުން އެތެރެ ފެނި އޮރިޔާން ނިވާނުވާނެ ކަމަށް އެމީހުން ދެކެއެވެ. ރީތިގޮތުގައި ބުނާނަމަ ލަދުން ލޯހުޅުވާލަން ނުކުރޭ ފަދަ ޢަމަލު ކުރާ ބައެއް ކަމުގައި އެފަދަ ކުދިން ވެގެންދާނެ ކަމަށް އޭރުގެ މީހުން ޤަބޫލުކުރެއެވެ.

މި ސަބަބަށްޓަކައި އޭރުގެ ކުދިންގެ ކިބައިގައި ވަކި އާދަތަކެއް ހަރުލެއްވުމުގައި މައިންބަފައިން ދެކެ ގަންނަ ބިރު ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ކުޑަކުދިންގެ ކިބައިން ކުޑައިރު ފެންނަ ލާނެތްކަން، މުޖުތަމަޢަށް ގެއްލުންނުވާ މިންވަރެއްގައި ހިފެހެއްޓުމަށް އޭރުގެ މައިންބަފައިންގެ ހަރުކަށިކަން ބޮޑު ދައުރެއް ކުޅެއެވެ. ހަމަ މަގަށް އެޅުވުމަށް ކުއްޖާގެ ގައިގައި އިލޮށިފަތިން ޖެހުމަކީ ވަރަށްފަހާ ޖެހެންދެންވެސް ކަންކުރަމުން އައި ގޮތެކެވެ. ނަމަވެސް މިއަދުގެ ތަރުބިއްޔަތުކުރަން ބޭނުންކުރާ އުސޫލުތަކުގައި ބިރުގެ ރޯލު ވަރަށް ކުޑައެވެ. ވީހާވެސް ބޮޑަކަށް މުޖުތަމަޢު ބާރުއަޅަނީ ކުދިންގެ ޙައްޤުތަކަށް އިޙްތިރާމުކުރުމާއެކު އޯގާތެރިކަން އިސްކޮށް ލޯބިން ފުރިގެންވާ މާޙައުލެއްގައި ކުދިން ގެންގުޅުމަށެވެ.

ދަރިން ތަރުބިއްޔަތުކުރުމުގެ އުސޫލުތައް ޒަމާނާއެކު ބަދަލުވަމުން އައިސްފައިވީ ނަމަވެސް، މައިގަނޑު މަޤްޞަދަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ޖީލެއްގެ މަޤްޞަދަކީ ހެޔޮލަފާ، އަޚްލާޤު ރަނގަޅު، މުޖުތަމައުޢަށް ފައިދާ ހުރި ދަރިންތަކެއް ތަރުބިއްޔަތުކުރުމެވެ. މިކަމުގައި މައިންބަފައިން އަދި ބާރު ހިނގާ މަގާމުތަކުގައި ތިބޭ މީހުންގެ ދައުރު އަބަދުވެސް ވަރަށް މުހިންމުވާނެއެވެ. އެހެންކަމުން، ކޮންމެ ޒަމާނެއްގައިވެސް މައިންބަފައިން އެ ޒަމާނެއްގައި މުޖުތަމަޢު ބަލައިގަންނަ މިންގަނޑަކަށް، އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން، ދަރިންގެ ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭނެއެވެ. އެއީ އެމީހުންގެ މުސްތަޤުބަލު އާރާސްތުވެގެން އަންނާނީ އެމީހުން ދަރިންނަށް ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމަށްވާތީއެވެ.

"ތަރުތީބު މަގުން ތަރުބިއްޔަތުކޮށް ދަރިފުޅު ހާނާނީ މަންމައޭ" ޖޭމު ދޮންކަމަނަ ކިޔުއްވައިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ހަގީގަތެވެ. ގަބޫލްކުރަން ދަތިވިޔަސްމެއެވެ.