Support Us

2040ގެ އަމާޒަށް ވާޞިލުވެވޭނީ އެންމެން އެއް ވިސްނުމެއްގައި މަސައްކަތްކޮށްގެން: ރައީސުލްޖުމްހޫރިއްޔާ 

ދެހާސް ސާޅީސް ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމެއްކަމުގައި ހެދުމަށް ހިފައިފައިވާ އަމާޒަށް ވާޞިލުވެވޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ދެހާސް ސާޅީހުގެ އަމާޒަށް ވާޞިލުވުމަށް ދިވެހި ޤައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސިޔާސީ ބަދަލުހިފުމުގެ ރޫޙު މިއަދު ދިވެހި ޤައުމުން ނައްތާލެވިފައި ވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، މި ސަރުކާރުން ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅުއްވާފައި ނުވާނޭ ކަމަށާއި، ވިހަ ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ، މި ސަރުކާރުން ނައްތާލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމުގައިވިޔަސް، ކޮންމެ ދިވެހި ރައްޔިތަކީވެސް މުހިންމު ރައްޔިތެއް ކަމަށާއި، އެ ބޭފުޅެއްގެ ބަހާއި ޢަމަލާއި ވިސްނުން އެ މަނިކުފާނަށް މުހިންމު ކަމުގައި، ރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުން ކަމަށާއި، މި ކަންކަން ފުރިހަމަ ކޮށްދެއްވުމުގެ ސިޔާސަތު ތަންފީޒުކުރައްވަމުން ގެންދަވަނީ، އިޤްތިޞާދީ ގޮތުން ޤައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ޤައުމު ދަރަނިވެރި ނުވެ، ފައިސާ ޗާޕު ނުކޮށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސިޔާސަތުން، ދިވެހިރާއްޖޭގެ ފަޚުރާއި، މިނިވަންކަމާއި، މުސްތަޤިއްލުކަން ދަމަހައްޓައި، އަމިއްލަވަންތަކަމާއެކު ފަރުދީ އަދި ޖަމާޢީ ތަރައްޤީ ގެނެސްދެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޢުމްރާނީ ތަރައްޤީގެ އިތުރުން، ވިސްނުމާއި އުޅުންތަކާއި ގުޅުންތަކަށް އަންނަންޖެހޭ ތަރައްޤީ ގެނައުމަށް ދެއްވާ އިސްކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ތަރައްޤީ ގެނައުމަށް، ސަރުކާރުން ފަޚުރުވެރިކަމާއެކު ކުރާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތްތަކުގެ ފޮނިމީރުކަން އިހުސާސްކުރެވެމުންދާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް