Support Us

މާފަރު ތަރައްޤީގެ ކަންކަން ރައްޔިތުން އެދޭ އެންމެ ފުރިހަމައަކަށް ކޮށްދޭނަން: ރައީސުލްޖުމްހޫރިއްޔާ

ނ. މާފަރުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން، ރައްޔިތުން އެދިފައިވާ ގޮތަށް، ވީ އެންމެ ފުރިހަމައަކަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވައިފައި ވަނީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ މާފަރުގެ ޞިއްޙީ ދާއިރާއާ ގުޅުން ހުރި ކަންކަމެވެ. އެގޮތުން، އިއްޔެ ސޮއިކުރި އެއްބަސްވުމަށް ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށްފަހު، ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް، އަލުން މަސައްކަތް ފެށުމަށް އަންގަވައިފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ މިއާއެކު މާފަރުގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހަތަރު ކުލާސްރޫމް އިތުރު ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާގެ ތަރައްޤީއާ ގުޅޭ ކަންކަން ދާދި އަވަހަށް ހަމަޖައްސަވައިދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބައިނަލްއާޤުވާމީ އެއަރޕޯޓެއް މާފަރުގައި އޮތްއިރު، އެކަމަށް އެންމެ އެކަށޭނަ ފެންވަރުގައި، ވަށާޖެހޭ ގޮތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމާއި އެކަމާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ބޯހިޔާވަހިކަމުގެ ދާއިރާއިން، 2026 ވަނަ އަހަރު އަލަށް މަޝްރޫޢު ފެށިގެންދާ ރަށެއްގެ ގޮތުގައި މާފަރު ހިމަނުއްވައި އެ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެއެވެ. އަދި ދެންވެސް ހުރި މިފަދަ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސައްކަތް ނިމިފައިވާ މާފަރުގެ ނަރުދަމާގެ ޚިދުމަތްވެސް މިއަދު ރަސްމީކޮށް ވަނީ އިފުތިތާހުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް