ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ލިބޭ "ބޭންކް ފަންޑް" އަށް މި އަހަރު ހޮވުނު ޖަމިއްޔާތައް ބީ.އެމް.އެލް އިން ހާމަކޮށްފިއެވެ.
ގައުމީ ބޭންކުން މިއަދު ބުނީ މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން މިދިޔަ އަހަރު ތައާރަފުކުރި "ބޭންކް ފަންޑް" މި އަހަރު ލިބެނީ ފަސް ޖަމިއްޔާއަކަށް ކަމަށެވެ.
"ބޭންކް ފަންޑަކީ ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމަޢު ކުރިއެވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000ރ.ގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ. މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން މުހިންމު އަހުމިއްޔަތުކަމެއް ދެއެވެ." ބީ.އެމް.އެލްގެ ބަޔާނުގައި ވެއެވެ.

ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް:
- ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް: ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ކްލިނިކެއް ހުޅުމާލޭގައި ގާއިމުކޮށް، ބަލިން ރައްކާތެރިވުމާއި ކުރީބައިގައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ޚިދުމަތް ފުޅާކުރުން.
- ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ: ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް، މިހާރުވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުން
- ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި): ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަދުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމުކުރުމަށް.
- މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން: ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފްކޮށް، ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތަތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ގާއިމުކުރުން.
- ޓައިނީ ހަރޓްސް މޯލްޑިވްސް: ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުން.



advertisment

