އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ލެމީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގަ އާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގަ އާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މިނޫންވެސް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގާތް ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 26 ޖުލައި 1965 ގައެވެ.