މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.



advertisment