ލެބަނާންގެ ވެރިރަށް ބައިރޫތުގައި ހިނގި ޕޯޓް ގޮވުމުގެ ހާދިސާ ހިނގިތާ އެއް މަސް ފަހުން، ދިރިހުރި އިތުރު މީހަކު، އިމާރާތްތަކުގެ ދަށުން ފެނިދާނެ ކަމުގެ އުންމީދު ދޫކޮށްލައިފިއެވެ.
އިންސާނުންގެ ނޭވާލުމާއި ހޫނު ސެންސަރތަކުން ޑިޓެކްޓް ކުރެވުމާ ގުޅިގެން 50 ސަލާމަތީ މަސައްކަތްތެރިންނާއި، ވޮލުންޓިއަރުންނާއި ޗިލީގެ ހާއްސަ ޓީމަކުން ގުޅިގެން އިމާރާތްތަކުގެ ދަށުން މީހަކު ފެނޭތޯ ތިން ދުވަސް ވަންދެން ވަނީ މަސައްކަތްކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ނިއުސް ކޮންފަރަންސެއްގައި ޓޮޕޮސް ޗިލީގެ ވޮލަންޓިއަރ ރެސްކިއު ގްރޫޕްގެ ހެޑް، ފްރެންސިސްކޯ ލަރމަންޑާ ބުނިގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 95 ޕަސެންޓް މީހުން ނެރެފައިވާއިރު، މިހާރު ދިރިހުރި މީހެއްގެ ނިޝާނެއް ނެތެވެ. ސެންސަރތަކުން ފެނުނު ނޭވާލުމާއި ހޫނަކީ އެ އިމާރާތުގައި ހަރަކާތްތެރިވި ސަލާމަތީ މަސައްކަތްތެރިންގެ ނޭވާލުން ކަމަށް ބުނެފައިވާއިރު، މިހާރު އެންމެ އިސްކަމެއް ދޭނީ މަރުވެފައިވާ ހަށިތައް ނެގުމާއި ތަން ސާފުކުރުމަށް ކަމަށް އޭނާ ބުންޏެވެ.
"(ދިރިހުރި މީހެއްގެ) އެންމެ ޕަސެންޓެއްގެ އުންމީދު އޮތަސް އަޅުގަނޑުމެން ނުހުއްޓާނަން. މަސައްކަތް އެއްކޮށް ނުނިމެނީސް ހުއްޓައެއްނުލާނަން،" ލާމަންޑާ ބުންޏެވެ.
އޮގަސްޓް 4 ގައި ހިނގި ހާދިސާގައި 190 މީހުން މަރުވެފައިވާއިރު، 6000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ހާދިސާއަށް އެއް މަސް ފުރުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހަފްލާއެއް ބާއްވާފައެވެ.



advertisment