Support Us

ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް: ރައީސުލްޖުމްހޫރިއްޔާ

ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ޤައުމާއި އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ، ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ލިޔުންތެރީންގެ ދައުރެއް ނެތް ދާއިރާއެއް ޤައުމެއްގައި ނިސްބަތުން ނޯންނަ ކަމަށެވެ. އެކަން ފާހަގަކުރައްވަމުން އެމަނިކުފާނުގެ ޚިޠާބުގައި ވަނީ، ފަރުދީ، މަދަނީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކުގެ އިތުރުން ދީނީ، ތަޢުލީމީ، ވިޔަފާރި އަދި ސިޔާސީ ދާއިރާގައިވެސް ލިޔުންތެރީން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ހުރިހާ ދާއިރާއެއްގައި ލިޔުންތެރީންގެ ދައުރު އޮންނަ ހިނދު، ޤައުމީ ޚިދުމަތުގައި ލިޔުންތެރީން އަދާކުރަން ޖެހޭ ޒިންމާ އާއި ލިޔުންތެރިކަމުގެ ހައްސާސް ޒާތުގެ މަތީން އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ. އެގޮތުން ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭކަމަށާއި، ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ގެއްލުން ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ދިވެހި ޤައުމު ބިނާކުރުމުގައި، ލިޔުންތެރީން އެކި ދާއިރާތަކުން މުހިންމު ޚިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

އަދުގެ ލިޔުންތެރީންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައި ވަނީ، ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށާއި، އާ ޚިޔާލުތަކާއި އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިކުރުމަށެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާގެ އަގުވަޒަންކުރައްވައި، ލިޔުންތެރިންނަށް ތާރީފުގެ ބަސްތަކާއި ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ އަށް ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ލިޔާށެވެ. މަގުދައްކާށެވެ." މިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް